ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" މި ފިލްމަކީ މަޝްހޫރު ތަމްސީލުތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން ހިންދީ ސިނާމާތަކުން ބޮޑު މަޤުބޫލުކަމެއް ލިބުނު އެއްފިލްމު
ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" މި ފިލްމަކީ މަޝްހޫރު ތަމްސީލުތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން ހިންދީ ސިނާމާތަކުން ބޮޑު މަޤުބޫލުކަމެއް ލިބުނު އެއްފިލްމު
މިއަދަކީ ދުނިޔޭގެ ތިއޭޓަރުގެ ދުވަހެވެ. މިއަދާ ގުޅިގެން، ވިލިއަމް ޝޭކްސްޕިއަރގެ ކްލެސިކް މަސައްކަތްތަކުން ފެށިގެން މިޒަމާނުގެ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް، ސްޓޭޖްގެ ފަންނުވެރިކަން ރިހިފަރުދާއަށް ގެނެސްދީފައިވާ ބޮލީވުޑްގެ ފާހަގަކޮށްލެވޭ 5 ފިލްމަކަށް ބަލާލަމާ ހިނގާށެވެ.

ކޮންމެ އަހަރަކުވެސް މާރިޗު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިއޭޓަރު ދުވަހަކީ، އިންސާނުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށްދީ، ފުންކޮށް ވިސްނުމަށް މަގުފަހިކޮށްދޭ ތިއޭޓަރުގެ ފަންނުވެރިކަން ފާހަގަކުރާ ދުވަހެކެވެ. މިއީ އެތައް ގަރުނެއްގެ ކުރިން ފެށިގެން އައިސްފައިވާ، ލައިވްކޮށް ހުށަހަޅައިދޭ ވާހަކަ ދެއްކުމުގެ ފަންނުގެ ބާރުވެރިކަން ހާމަކޮށްދޭ ދުވަހެކެވެ. މީގެ އިތުރުން، މި ދުވަހަކީ ތަމްސީލުތައް އުފެއްދުމުގައި ހަރަކާތްތެރިވާ ފަންނާނުންނާއި، ލިޔުންތެރިންނާއި، ޑައިރެކްޓަރުން އަދި ޓެކްނީޝަނުންގެ އުފެއްދުންތެރި މަސައްކަތްތަކުގެ އަގުވަޒަންކުރާ ދުވަހެއްވެސް މެއެވެ.

މި އަހަރުގެ ތިއޭޓަރު ދުވަސް ފާހަގަކުރުމުގެ ގޮތުން، ސްޓޭޖާއި ފިލްމީ ދާއިރާއާ ދެމެދު އޮތް ފާހަގަކޮށްލެވޭ ގުޅުމަށް އަލިއަޅުވާލަމެވެ. ފާއިތުވި އަހަރުތަކުގައި އިންޑިއާގެ ސިނަމާއިން ވަނީ މަޝްހޫރު ތިއޭޓަރު ކުޅިވަރުތަކުން، ހާއްސަކޮށް ވިލިއަމް ޝޭކްސްޕިއަރގެ މަސައްކަތްތަކުން އިންސްޕިރޭޝަން ހޯދައި، ތިއޭޓަރުގެ ޖާދޫ ބޮލީވުޑް އިންޑަސްޓްރީގައި ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ.

އެގޮތުން، މިބަލާލަނީ މަޝްހޫރު ތަމްސީލުތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން ހިންދީ ސިނާމާތަކުން ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ފަސް ފިލްމަކަށެވެ. އެކްސައިޓެލް (Excitel) ގެ ޗީފް އެންޓަޓެއިންމަންޓް އޮފިސަރު ޝިވަންގީ ޝަރުމާ ތައްޔާރުކޮށްފައިވާ މި ފަސް ފިލްމުގެ ލިސްޓް ހިއްސާކުރަމުން އެނާ ބުނެފައިވަނީ އޭނާ އަކީ އަބަދުވެސް ސްކްރީނާއި ސްޓޭޖު ތަމްސީލު ފަދަ ހަރާކާތްތަކުން ގެނެސްދޭ ވާހަކަ ތަކަށް ނުހަނު ލޯބި ކުރާ މީހެއް ކަމަށެވެ. އަދި ތަމްސީލުތަކުން އިންސްޕިރޭޝަން ހޯދައިގެން އުފައްދާފައިވާ ބޮލީވުޑް ފިލްމުތަކުގެ ލިސްޓެއް މިއެކުލަވާލީ ތިއޭޓަރާއި ސިނަމާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

"އަހަރެން އަބަދުވެސް ސްކްރީނާއި ސްޓޭޖްގެ ދުނިޔެއަށާއި، އެ ދާއިރާތަކުން ގެނެސްދޭ ޒަމާންވީ ވާހަކަތަކަށް ލޯބިކުރަން. ތިއޭޓަރާއި ސިނަމާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން، ތަމްސީލުތަކުން އިންސްޕިރޭޝަން ހޯދައިގެން އުފައްދާފައިވާ ބޮލީވުޑް ފިލްމުތަކުގެ ލިސްޓެއް އަހަރެން މިވަނީ ތައްޔާރުކޮށްފައި. މި އުފެއްދުންތަކުން ފެނިގެންދަނީ ވާހަކަ ކިޔައިދިނުމުގެ ދެ ގޮތް ގުޅިގެން، ދެމިގެންދާ ފަދަ ވަރުގަދަ އަސަރެއް ކުރާ މަންޒަރު،" ޝިވަންގީ ޝަރުމާ ބުނެފައިވެއެވެ.

ސްޓޭޖުން ސްކްރީނަށް: ތަމްސީލުތަކުގެ މައްޗަށް ބިނާކޮށްފައިވާ އިންޑިއާގެ 5 ފިލްމެއް

1. ގަޔާމަތު ސޭ ގަޔާމަތު ތަކް (Qayamat Se Qayamat Tak): މިއީ 1988 ވަނަ އަހަރު އާމިރު ޚާން އަދި ޖޫހީ ޗާވްލާ މުހިންމު ރޯލުތަކުން ފެނިގެންދިޔަ، މަންސޫރު ޚާން ޑައިރެކްޓްކުރި ރޮމޭންޓިކް ފިލްމެކެވެ. މި ފިލްމަކީ ވިލިއަމް ޝޭކްސްޕިއަރގެ "ރޯމިއޯ އެންޑް ޖޫލިއަޓް" އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޔޫޓިއުބުން ހިލޭ ބަލާލެވޭނެއެވެ.



2. މަގްބޫލް (Maqbool): ވިޝާލް ބަރަދްވާޖް ޑައިރެކްޓްކޮށް، އިރްފާން ޚާން ލީޑް ރޯލުން ފެނިގެންދިޔަ މި ފިލްމަކީ 2003 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މިއީ ޝޭކްސްޕިއަރގެ މަޝްހޫރު ތަމްސީލު "މެކްބެތް" (Macbeth) އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޖިއޯ ހޮޓްސްޓާ (JioHotstar) އިން ބަލާލެވޭނެއެވެ.



3. އަންގޫރު (Angoor) : ގުލްޒާރު ޑައިރެކްޓްކޮށް 1982 ވަނަ އަހަރު ނެރުނު މި ކޮމެޑީ ފިލްމަކީ ޝޭކްސްޕިއަރގެ "ދަ ކޮމެޑީ އޮފް އެރާސް" (The Comedy of Errors) އިން އިންސްޕިރޭޝަން ހޯދައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ޔޫޓިއުބުން ހިލޭ ބަލާލެވޭނެއެވެ.



4. އޮމްކާރާ (Omkara) : ވިޝާލް ބަރަދްވާޖްގެ ކާމިޔާބު ފިލްމު "އޮމްކާރާ" (2006) އަކީ ޝޭކްސްޕިއަރގެ ތަމްސީލު "އޮތެއްލޯ" (Othello) އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުވެސް ޔޫޓިއުބުން ހިލޭ ބަލާލެވޭނެއެވެ.



5. 10 އެމްއެލް ލަވް (10ml Love): މިއީ ޝަރަތު ކަޓާރިއާ ޑައިރެކްޓްކޮށް 2012 ވަނަ އަހަރު ނެރުނު ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މި ފިލްމަކީ ޝޭކްސްޕިއަރގެ "މިޑްސަމަރ ނައިޓްސް ޑްރީމް" (Midsummer Night’s Dream) އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޔޫޓިއުބުން ބަލާލެވޭނެއެވެ.





ކިޔުންތެރިންގެ ހިޔާލު