އަހުމަދު ޝާހް   27 މާރިޗު 2026 - 13:33
ޢީދު ޖަމާޢަތް
ޢީދު ޖަމާޢަތް
ﷲ تَعَالَى ވަނީ އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވައިފައެވެ. އެ ދެ މީހުންގެ ޙައްޤު ނުހަނު މަތިވެރިއެވެ. ދަރީންގެ ބާއްޖަވެރިކަމަށް ޓަކައި، އެ ދެ މީހުންވާ ޤުރުބާނީގެ އަގު ވަރަށް ބޮޑެވެ. އެއީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މެދުވެރިވި ފަރާތެވެ. އިޙުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވެއެވެ. އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެއެވެ. މައިންބަފައިން ދަރީންނަށް ހެޔޮ އެދޭލެއް ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިޢުމަތްތައް ވެސް ދަރީންނަށް ލިބުމަށް އެދެއެވެ. ދަރީން ހެޔޮ ގޮތުގައި ބޮޑުކުރުމަށް ޖާނާއި މާލުން ގުރުބާންވެއެވެ. މި ފަދަ ބޮޑެތި ޤުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުންޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމުކަމެއްކަމަށް އިންސާނީ ބުއްދި ޤަބޫލުކުރެއެވެ.

އިސްލާމްދީނުގައި ވަނީ މައިންބަފައިންނަށް އޯގާތެރިވެ، އަޅައިލައި، ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވައިފައެވެ. ކީރިތި ޤުރްއާނުގެ ހަތް ތަނެއްގައި ﷲ تَعَالَى މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވެއެވެ. މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންނާއި ޞާލިހުންގެ ޚުލުޤުފުޅެވެ. އެއީ މުޞީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާޞިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް ވެސް މެއެވެ. އެ ކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި، ދިރިއުޅުން ރަނގަޅުވެއެވެ.

يـَحْيَى عَلَيْهِ السَّلَام ސިފަކުރަށްވައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އަދި އެކަލޭގެފާނުގެ މައިންބަފައިންނަށް ހެޔޮކޮށްހިއްތަވާ ބޭކަލަކުކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، ޖައްބާރަކުކަމުގައި އެކަލޭގެފާނު ނުވެއެވެ." عِيْسَى عَلَيْهِ السَّلَامއާ ބެހޭ ގޮތުން މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އަދި މިއަޅާގެ މަންމައަށް ހެޔޮކޮށް ހިތާމީހަކު ކަމުގައި ލެއްވިއެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، ޖައްބާރަކު ކަމުގައި ނުލައްވަތެވެ." މައިންބަފައިންނަށް ހެޔޮކޮށްހިތާ މީހަކު ވާހުށީ ބާއްޖަވެރި ތަވާޟުޢުވެރި މީހަކަށެވެ. މައިންބަފައިންނަށް ކަމޭހިތުމަކީ ދީލަތިކަމުގެ ސިފައެކެވެ. އެއީ ފުރިހަމަކަމާއި މާތްކަމުގެ ދަލީލެކެވެ. އެއީ ސުވަރުގެއަށް ވާސިލުކޮށްދޭ މަގެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. "މަންމައާއި ބައްޕައަކީ ސުވަރުގޭގެ އެންމެ ރަނގަޅު ދޮރުކޮޅެވެ. ފަހެ އެ ދޮރުކޮޅު ނަގައިލުން ނުވަތަ އެއަށް ރައްކާތެރިވުން ވެސް ވަނީ ތިބާގެ އިޚުތިޔާރުގައެވެ."

ﷲ تَعَالَىގެ ޙައްޤު އަދާކުރުމަށް އަމުރުކުރެއްވެވުމާ ވިދިގެން ދެން އަމުރު ކުރެއްވެވީ މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށެވެ. މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އަދި ތިޔަބައިމީހުން، ހަމައެކަނި ﷲއަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ!" އަދި ވެސް މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުން ކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެ ދެ މީހުން މި އަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް رحمةލައްވައިފާނދޭވެ!"

މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙުތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. "ގެއްލި ހަލާކުވެއްޖެއެވެ! ގެއްލި ހަލާކުވެއްޖެއެވެ! ގެއްލި ހަލާކުވެއްޖެއެވެ!" އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މައިންބަފައިން ކުރެ އެކަކު ނުވަތަ ދެ މީހުން، މުސްކުޅި ޢުމުރުގައި އެ މީހަކާ ބައްދަލުވެ، (އެ ދެ މީހުންނަށް ޚިދުމަތްނުކޮށް އަޅައިލައި އޯގާތެރިނުވުމުގެ ސަބަބުން) ސުވަރުގެ ނުވަދެވުނު މީހާއެވެ." އެ ދެ މީހުންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެކެވެ. އެއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެކެވެ. ابْنُ مَسْعُوْد رَضِيَ اللهُ عَنْه ވިދާޅުވިއެވެ. މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލާ މެދު ނަބިއްޔާ ﷺއާ ސުވާލުދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެއަށް ފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "ﷲގެ މަގުގައި ޖިހާދުކުރުމެވެ." ތިބާގެ މައިންބަފައިން އެދެނީ ތިބާއަކީ މާތް އަޚުލާޤެއްގެ ވެރިއަކަށްވެ، ހެޔޮ ކަމުގެ މަގުގައި ރިވެތި އަޚުލާޤާ އެކު ކުރިއަށްދިޔުމަށެވެ.

އަހަރެމެންގެ މައިންބަފައިން އަހަރެމެންނަށް ޓަކައި ގުރުބާންކުރަނީ އެ މީހުންގެ އަމިއްލަ އުފާތަކެވެ. ދަރީންނަށް ޓަކައި އެ ދެ މީހުންގެ ޙަޔާތް ގުރުބާންކުރެއެވެ. މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އަދި އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުން ވަނީ، ދެ އަހަރުގައެވެ. ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شކުރުކުރާށެވެ!" اللهގެ ނަބިއްޔާ ﷺ ގެ އަރިހަށް މީހަކު އައިސް ޖިހާދުކުރުމަށް ބައިޢަތުހިފަން އެދުމުން، އޭނާގެ މައިންބަފައިން ދުނިޔޭގައި ތިބިތޯ ސުވާލުކުރައްވައި ޙަދީޘްކުރެއްވިއެވެ. "ފަހެ ތިބާގެ މައިންބަފައިންގެ ގާތަށްގޮސް އެ ދެ މީހުންނަށް ހެޔޮކޮށްހިތާށެވެ!"

އަހަރެމެންގެ ސަލަފުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި ލާމަސީލު ނަމޫނާތަކެއް ދައްކަވައިފައެވެ. عَبْدُ الله بْنُ عُمَر رَضِيَ اللهُ عَنْهُمَا ވިދާޅުވި ގޮތުގައި، މަންމަ ބުރަކަށިމަތީގައި އުފުލައިގެން ޠަވާފުކުރިޔަސް، އޭނާ ވިހެއުމަށް އުފުލި އެންމެ ވޭނެއްގެ ޙައްޤުވެސް އަދައެއް ނުކުރެވޭނެއެވެ. އަދި أُوَيْسُ الْقَرْنِي ރަޙިމަހުﷲ އަށް އެފަދަ މަތިވެރި ދަރަޖައެއް ލިބިވަޑައިގަތީވެސް އެކަލޭގެފާނުގެ މަންމައަށް ކުރެއްވި ޚިދުމަތުގެ ސަބަބުންނެވެ. މި ފަދަ ހާދިސާތަކުން ޢިބުރަތްހާސިލުކޮށް، މައިންފަބައިންނަށް ހެޔޮކޮށްހިތާ ބަޔަކުކަމުގައި އަޅަމެންލައްވާނދޭވެ!

މަސްދަރު (27 މާރިޗް 2026 ހުކުރު ޚުތުބާ)



ކިޔުންތެރިންގެ ހިޔާލު