ކަސްޓަމްސް ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ (ވ)
ކަސްޓަމްސް ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ (ވ)
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ 48 މަގާމަށް ކުރިމަތިލުމަށް އެންމެ ހަތަރު ދުވަހުގެ ކުރު މުއްދަތެއް ދީ، އެ އިދާރާއިން އިއްޔެ ވަޒީފާއަށް އިއުލާންކޮށްފިއެވެ.

ކަސްޓަމްސްއިން މިގޮތަށް އިއުލާންކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް އިންތިޚާބާ ދިމާކޮށެވެ. މިހާ ކުރު މުއްދަތެއް ވަޒީފާއަށް ކުރިމަތިލުމަށް ދީފައިވާތީ، ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ، އެއާ ކާގޯގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމާއި، މާފަރާއި ހަނިމާދޫ އެއާޕޯޓްގެ ޚިދުމަތްތައް ފުޅާކުރުމާ ގުޅިގެން ވަރަށް އަވަހަށް ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، މި ކުރު މުއްދަތުގެ ތެރޭގައި ކުރިމަތިލާ މީހުންގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކުން ޚާއްޞަ އިމްތިހާނެއްގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އޭގެ ފަހުން ފިޒިކަލް ޓެސްޓެއް ދިނުމަށްފަހު، އިންޓަވިއު މަރުހަލާ ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި މުޅި ޕްރޮސެސް ކުރިއަށް ދާނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މިއީ އިންތިޚާބާ ގުޅިގެން ސިޔާސީ ބޭނުމަކަށް ދޭ ވަޒީފާތަކެއް ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުން ކަސްޓަމްސްގެ އޮފިޝަލެއް ވިދާޅުވީ، އެއާޕޯޓްގެ ޚިދުމަތްތައް ފުޅާކުރުމާ ގުޅިގެން މިދިޔަ އަހަރުވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ ކަމަށެވެ. އަދި މިފަހަރުވެސް މުވައްޒަފުން މި ނަގަނީ ހަމައެކަނި ޚިދުމަތްތައް ފުޅާކުރާތީ އެކަމަށް ބޭނުންވާ މީހުން ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމްސުން މިހެން ބުނެފައިވާއިރު، މި ދުވަސްވަރަކީ ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާ ދުވަސްވަރެކެވެ. އެގޮތުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށްވެސް ހާހެއްހާ މުވައްޒަފުން ނަގަން އިއުލާނު ކޮށްފައިވެއެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު