ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް
ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް
ރާއްޖެއަށް ދަތިކަމެއް ނެތި ބޭހާއި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އިތުރު މަގުތައް ހޯދުމަށް ބައެއް ޤައުމުތަކާއެކު ރަސްމީ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މިކަމަށް ޚާއްސަ ޓީމެއް ދާދިފަހުން ސްރީލަންކާގެ ކޮލަމްބޯއަށް ގޮސް މުހިއްމު މަޝްވަރާތަކެއް ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ގޮތުން އިސްކަންދޭ ދާއިރާތަކަށް މުހިއްމުކަންދީ، ޚަރަދުތައް ރިވިއުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ގަލްފް ސަރަޙައްދުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް ބޭނުންވާ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނުތައް ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަނގުރާމަ ފެށުނީއްސުރެ އެ ސަރަޙައްދުގައި އުޅޭ ދިވެހިންގެ ހާލަތު ކޮންމެ ދުވަހަކުވެސް ސަރުކާރުން ބަލަމުންދާ ކަމަށެވެ. މިގޮތުން އެ ސަރަޙައްދުތަކުގައި ހުރި ދިވެހި އެމްބަސީތަކުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ނުރައްކާ އޮތް ސަރަޙައްދުތަކުގައި އުޅޭ ދިވެހިން މިހާރު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް