ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ރާއްޖޭގައި ބާއްވާ ތިން އިންތިޚާބުގެ ބަދަލުގައި ދެ އިންތިޚާބު ބާއްވާ ގޮތަށް ނިޒާމަށް ބަދަލު ގެނައުމަށް ތާއީދުކުރައްވާ ކަމަށާއި، ނަމަވެސް އެއްކޮށްލަންވާނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ބަދަލުގައި މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރަންޑަމްއެއް ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ތިން އިންތިޚާބުގެ ބަދަލުގައި ދެ އިންތިޚާބު އޮންނަ ގޮތަށް ބަދަލުކުރުމަކީ އޭނާވެސް ތާއީދުކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ކުރާއިރު އެއްކޮށްލަންވާނީ ގައުމުގެ އެންމެ މުހިންމު ދެ އިންތިޚާބު ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



"އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިޚާބެއް ނޫން. އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިޚާބު. އެއީ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު،" އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިކަމުގެ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން އުމަރު ވިދާޅުވީ، ރިޔާސީ އިންތިޚާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ މުހިންމު އަދި އެންމެ ބޮޑު އިންތިޚާބު ކަމަށެވެ. އަދި މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބަކީ ވަކިވަކި ދާއިރާތަކަކަށް މީހުން އިންތިޚާބު ކުރާ، އެއްގޮތް ސިފަތަކެއް އެކުލެވޭ ދެ އިންތިޚާބު ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅޭ އުޅުމަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވީ، އެންމެ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަށްފަހު، އެންމެ ކުޑަ އިންތިޚާބު (ކައުންސިލް އިންތިޚާބު) ބޮޑު ޚަރަދުކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެންމެ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ރިފަރަންޑަމްގައި ނޫނެކޭ ބުނުމަށް އުމަރު ވަނީ އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް