އެމްޑީޕީގެ ރައީސް ޢަބްދުﷲ
އެމްޑީޕީގެ ރައީސް ޢަބްދުﷲ
ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިހާރުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ސިފަކޮށްދިނުމަށް ބޭނުންކުރި މަޖާޒީ މިސާލު ބަހަކީ، ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މައާފަށް އެދިވަޑައިގެންފިއެވެ.

މާރޗް 28 ވަނަ ދުވަހުގެ ރޭ ގދ. ތިނަދޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަކީ "ކަނަކު އިޝާ ނަމާދަށްދާހެން" މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށެވެ. ޝާހިދު ބޭނުންކުރެއްވި މި މިސާލު ބަހާ ގުޅިގެން، ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ދަށުން ހިންގާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން" ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެއީ ސަރުކާރުގެ އަމަލުތައް ހުރި ގޮތް ސިފަކޮށްދިނުމަށް ދިވެހިބަހުގެ ތެރެއިން ބޭނުންކުރި މަޖާޒީ ބަހެއް ކަމަށެވެ. އަދި އެއީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އެ ބަހުގެ ސަބަބުން ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ނުބައި މާނައެއް ދޭހަވެ، އެފަރާތްތަކުގެ އިހުސާސްތަކަށް އަސަރުކޮށްފައިވާތީ އެކަމަށް އިޚްލާޞްތެރިކަމާއެކު މައާފަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެމެވެ،" ޝާހިދު ވިދާޅުވިއެވެ.



މީގެ އިތުރުން ޝާހިދު ވަނީ ދިވެހި ބަސްފޮތުގައި ހުރި މިފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްވާ ފަދަ ހުރިހާ ބަސްތަކާއި މިސާލު ބަސްތައް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ. އަދި މި މަސައްކަތުގައި އެންމެހާ ރައްޔިތުން ބައިވެރިވުމަކީ އޭނާގެ އެދުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވަނީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުގެ ފަރާތުން ތަކުރާރުކޮށް ދީލަތި މައާފަކަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު