ސެލީން ޑިއޯން
ސެލީން ޑިއޯން
މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން، އޭނާގެ ބަލިހާލަތުގެ ސަބަބުން މިއުޒިކީ ދާއިރާއާ ދުރުގައި ހުންނަތާ ހަތަރު އަހަރު ފަހުން، އަލުން ސްޓޭޖަށް އެނބުރި އަންނަކަން އިޢުލާންކޮށްފިއެވެ. "މައި ހާރޓް ވިލް ގޯ އޮން" ފަދަ މަޝްހޫރު ލަވަތަކުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މި ފަންނާނު މިކަން ހާމަކުރީ އޭނާގެ 58 ވަނަ އުފަންދުވަހާ ދިމާކޮށެވެ.

ސެލީން ޑިއޯން ބުނީ، އޭނާ އެނބުރި އަންނަނީ އަންނަ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ފްރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ކޮންސަރޓްތަކަކަށެވެ. 40,000 މީހުންގެ ޖާގަ އޮންނަ 'ޕެރިސް ލަ ޑިފެންސް އެރީނާ' ގައި 10 ރޭ އޭނާގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށާއި، މިކަމަށް އޭނާ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ.

"އަހަރެންގެ ހާލު މިހާރު ރަނގަޅު. އަހަރެން ވަރުގަދަ، އަދި ހުރީ ވަރަށް އުފަލުން. ހަމަގައިމުވެސް ކުޑަކޮށް ނާރވަސްވޭ." ސެލީން ބުންޏެވެ. އޭނާ ބުނީ މިހާރު އަލުން ލަވަކިޔަން ފަށާފައިވާ ކަމަށާއި، ކުޑަކޮށް ނަށަން ވެސް ފަށާފައިވާ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ސަޕޯޓަރުން ދިން ލޯތްބާއި ކުރި ދުޢާތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ސެލީން ޑިއޯން އެންމެ ފަހުން ކޮންސަރޓެއް ދީފައިވަނީ 2020 ވަނަ އަހަރުގެ މާރިޗު މަހު ނިއުޖާޒީގައެވެ. އޭގެ ފަހުން ކޮވިޑް-19 އާ ގުޅިގެން ޓުއާ މެދުކަނޑާލަން ޖެހުނު އިރު، ފަހުން އޭނާއަށް ވަނީ 'ސްޓިފް ޕާސަން ސިންޑްރޯމް' ކިޔާ ނާދިރު ބައްޔެއް ޖެހިފައެވެ. މިއީ މުޅި ދުނިޔެއިންވެސް މިހާތަނަށް ގާތްގަނޑަކަށް އަށެއްކަހާސް މީހުންނަށް ޖެހިފައިވާ، ނާރުތަކަށް އަސަރުކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން މަސްތައް ބާރުވެ، ހިނގާބިނގާވެ އުޅުމަށާއި ލަވަކިޔުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.

އޭނާގެ ބަލިހާލަތާ ބެހޭގޮތުން ވާހަކަ ދައްކަމުން ސެލީން ބުނީ، މި ބަލީގެ ސަބަބުން މީހަކު ކަރުގައި ހިފާފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވޭ ކަމަށެވެ. ނަމަވެސް، ބައްޔަށް ދޫނުދީ، ހަފްތާއަކު ފަސް ދުވަހު އޭނާ ދަނީ ތެރަޕީތައް ނަގައި، އަޑު ތަމްރީނު ކުރަމުންނެވެ. އޭނާގެ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އައިފަލް ޓަވަރު މަތީގައި ހުރެ އޭނާ ވަނީ ފުރިހަމަ ހުށަހެޅުމެއް ދައްކާލާފައެވެ.

ސެލީންގެ ކޮންސަރޓްގެ ޓިކެޓް ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 7 ވަނަ ދުވަހުއެވެ. މި ކޮންސަރޓްތަކަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭއިރު، މާރިޗު 31 އިން ފެށިގެން އޭނާގެ ރަސްމީ ވެބްސައިޓުގައި ރެޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސެލީންގެ މި އެނބުރި އައުން ފާހަގަކުރުމުގެ ގޮތުން ޕެރިހުގެ އައިފަލް ޓަވަރުގައި ވަނީ "ޕެރިސް، އަހަރެން މިހުރީ ތައްޔާރަށް" މި މެސެޖު ދައްކާލައި، އޭނާގެ މަޝްހޫރު ލަވަތައް އިއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު