މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވްލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް: އައްޑޫސިޓީގައި މިއަދު ހުޅުވި އެންސްޕާގެ އާސަންދަ އޮފީސް ހުޅުވުމުގެ ރަސްމީޔާތުގައި ވާހަކަދައްކަވަނީ
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވްލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް: އައްޑޫސިޓީގައި މިއަދު ހުޅުވި އެންސްޕާގެ އާސަންދަ އޮފީސް ހުޅުވުމުގެ ރަސްމީޔާތުގައި ވާހަކަދައްކަވަނީ
އައްޑޫސިޓީގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދައިގެ ޚިދުމަތްދޭ އޮފީހެއް މިއަދު ހުޅުވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވްލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު އާއި އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއާއި، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެންސްޕާއިން ހާމަކުރި ގޮތުގައި، މި އޮފީސް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިއަދު ހުޅުވުނު އޮފީހުގެ ސަބަބުން، މީގެ ކުރިން އައްޑޫ ސިޓީގެ ރައްޔިތުން އެންސްޕާ އަދި އާސަންދައިގެ އެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިލާންޖެހުނު ދަތިތަކަށް ދާއިމީ ހައްލެއް ލިބި، އެއްވެސް މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، މި ސަރުކާރުގެ ސިޔާސަތަކީ މާލެއަށް އެކަނި މަރުކަޒުވެފައިވާ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން އެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

މި އޮފީސް ހުޅުވުމާއެކު، އައްޑޫ ސިޓީގެ އިތުރުން ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ބޭސްފަރުވާއަށް އާސަންދަ ހޯދުމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެކި އެހީތަކަށް އެދި ހުށަހެޅުމުގައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް އެންސްޕާއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު