މައިންސްޓްރީމް ސިނަމާތަކުގައި އަންހެނުންގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުތަކާއި ރޯލުތައް މަދުވަމުންދާކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ބޫމީ ޕެޑްނޭކަރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދާދިފަހުން ބޭއްވި 'އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް ދިއްލީ' (އައި.އެފް.އެފް.ޑީ) 2026 ގައި ވާހަކަދައްކަމުން، ބޫމީ ފާހަގަކުރި ގޮތުގައި، ބޮޑުސްކްރީނުގެ ފިލްމުތަކުގައި އަންހެނުންގެ ދައުރު ކުޑަވަމުންދިޔަ ނަމަވެސް، އޯ.ޓީ.ޓީ (ޑިޖިޓަލް) ޕްލެޓްފޯމްތަކުގެ ސަބަބުން އަންހެން ފަންނާނުންނަށް ވަރުގަދަ އަދި މާނަހުރި ފުރުސަތުތަކެއް ވަނީ ފަހިވެފައެވެ.

2015 ވަނަ އަހަރު ރިލީޒްކުރި "ދަމް ލަގާ ކޭ ހައިޝާ" އިން ފިލްމީ ދާއިރާއަށް ތައާރަފްވި ބޫމީ ބުނި ގޮތުގައި، މައިންސްޓްރީމް ސިނަމާތަކުގައި އަންހެނުން އިސްވެ ތިބެ ކުޅޭ ފިލްމުތައް މަދުވަމުންދިއުމަކީ ހިތާމަހުރި ކަމެކެވެ. ނަމަވެސް، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އުފައްދާ ގިނަ ސީރީޒްތަކާއި ފިލްމުތަކަކީ އަންހެނުންގެ މައްޗަށް ބިނާކޮށްފައިވާ އުފެއްދުންތަކެއް ކަމަށާއި، މީގެ ސަބަބުން ތަފާތު އަދި ހިތްވަރުގަދަ ރޯލުތަކެއް ކުޅުމުގެ މަގު ފަހިވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ބޫމީ ބުނީ "ޓޮއިލެޓް: އެކް ޕްރޭމް ކާތާ"، "ޝުބް މަންގަލް ސާވްދާން"، "ބާލާ" އަދި "ސާންޑް ކީ އާންކް" ފަދަ މާނަހުރި މެސެޖުތަކެއްދޭ ފިލްމުތަކުން ފެނިގެންގޮސްފައިވާ އަންހެން ފަންނާނުންނަކީ އަބަދުވެސް ސްކްރިޕްޓް އިޚްތިޔާރު ކުރުމުގައި ހިތްވަރުގަދަ ބައެއް ކަމަށެވެ. އަދި އޯ.ޓީ.ޓީ ޕްލެޓްފޯމްތަކަކީ އެ ފަންނާނުންގެ ހުނަރު ދައްކާލުމަށް ލިބުނު އެންމެ އެކަށީގެންވާ މައިދާން ކަމަށްވެސް އޭނާ ބުންޏެވެ.

ބޫމީއަކީ މީގެ ކުރިންވެސް "ބަދާއީ ދޯ" ފަދަ ފިލްމުތަކުގައި ގޮންޖެހުން ބޮޑު ރޯލުތައް ކުޅެފައިވާ ތަރިއެކެވެ. މީގެ އިތުރުން "ބީޑް"، "އަފްވާ" އަދި "ބަކްޝަކް" ފަދަ އިޖުތިމާއީ މައްސަލަތަކަށް ބިނާކޮށްފައިވާ ފިލްމުތަކުންވެސް އޭނާ ވަނީ ފެނިގެންގޮސްފައެވެ.

އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ދަލްދަލް" ކިޔާ ސައިކޮލޮޖިކަލް ކްރައިމް ތުރިލާ ސީރީޒްއަކުންނެވެ. ވިޝް ދަމީޖާގެ މަޝްހޫރު ނޮވެލް "ބެންޑީ ބާޒާރު" އަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒްގައި ބޫމީ އަދާކުރަނީ މުމްބާއީ ކްރައިމް ބްރާންޗްގެ އެންމެ ޒުވާން ވެރިޔާ، ޑީ.ސީ.ޕީ ރީޓާ ފެރޭރާގެ ރޯލެވެ. މި ސީރީޒްގައި ދައްކުވައިދެނީ ސިޓީގެ ތެރޭގައި ބިރުވެރިކަން ފަތުރަމުންދާ ގާތިލަކު ހޯދުމަށް އޭނާ ކުރާ ވަރުގަދަ މަސައްކަތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު