ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ކުރީގެ ނައިބު ރައީސް ފައިސަަލް ނަސީމް، ފޮޓޯ: ސޯޝަލް މީޑިއާ
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ކުރީގެ ނައިބު ރައީސް ފައިސަަލް ނަސީމް، ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖޭގައި ބާއްވާ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ، ރައްޔިތުންގެ ބާރު ކަނޑުވާލައި، ގައުމުގެ ހިންގުމުގައި ރައްޔިތުންގެ ބަސް އިއްވުމަށް އޮތް ފުރުޞަތު ހަނިކުރުން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވިދާޅުވީ، އިންތިޚާބުތައް ގިނައިން ބޭއްވުމަކީ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. ޚާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، އިންތިޚާބެއް ބޯމަތިވުމުން ސަރުކާރުން އިންތިޚާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި ގިނަ ކަންތައްތަކެއް ކުރަމުންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، މިހާރުވެސް އިންތިޚާބެއް އޮތުމުން ސަރުކާރުން ދަނީ އެތައް ސަތޭކަ ބަޔަކަށް ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ދައްކަންޖެހޭ ކުލި މައާފުކުރުމާއި، އެތައް ހާސް ފްލެޓެއްގެ ބިންގާ އެޅުން ފަދަ ގިނަ މަޝްރޫއުތަކެއް އިންތިޚާބާ ދިމާކޮށް ފަށަމުންދާކަމަށް ފައިސަލް ވިދާޅުވިއެވެ.

"އުއްމީދަކީ، މިހުރިހާ ކަންކަމަކީވެސް، އިންތިޚާބަށް ޖެހި ކަޑަ ކަމުގައި ނުވެ، ދުނިޔެ ހަނގުރާމައިގެ ކަޅު ވިލާގަނޑެއްގެ ދަށުގައި އޮތް އިރުވެސް، ހަރުދަނާ އިޤުތިޞާދީ ސިޔާސަތެއް އޮވެގެން ކުރެވޭ ކަންކަމަށް ވުން،" ފައިސަލް ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ، އިންތިޚާބު ނިމުމާއެކު މުސާރައިން ކެނޑުމާއި، ކަރަންޓު ކެނޑުމާއި، ވަޒީފާއިން މީހުން ވަކިކުރުމުގެ އިތުރުން ދެމުންދާ ސަބްސިޑީތައް ކަނޑާނުލާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށެވެ.

އަދި މިއީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ވަގުތެއްކަން ފާހަގަކުރައްވައި، ދެ އިންތިޚާބު އެއްކުރުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު