ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޯދި ކާމިޔާބީއަކީ އެ ޕާޓީގެ ލީޑަރޝިޕުން ދެއްކެވި ނަމޫނާ އެއްބައިވަންތަކަމުގެ ނަތީޖާކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މި އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ވަނީ، އިންތިޚާބުގައި ވާދަކޮށް ކާމިޔާބީ ހޯއްދެވި އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިންތިޚާބުގައި ކާމިޔާބުވެ ވަޑައިނުގެންނެވި ނަމަވެސް، ޕާޓީގެ ފަރާތުން ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ދެއްކެވި ހިތްވަރަށް ފައިސަލް ސާބަސް ދެއްވާފައިވެއެވެ.

ފައިސަލް ވިދާޅުވީ، މި އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ފަރާތުން ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލައި، އެމްޑީޕީގެ ލީޑަރޝިޕް އެކަތިގަނޑަކަށްވެ ރައްޔިތުންނާ ގާތުން ކުރެއްވި މަސައްކަތުން ފުރިހަމަ ކާމިޔާބީއެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް. އަދި ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި،" ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ނަތީޖާއިން ހާމަވެގެންދަނީ ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް އޮތް މިންވަރުކަމަށާއި، ގައުމުގެ ކުރިމަގަށްޓަކައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ކުރިއަށް ދިވެހި ގައުމު!" މި ޝިއާރު ޙިއްސާ ކުރަށްވަމުން ފައިސަލް ވިދާޅުވީ، ރައްޔިތުން ބޮޑު ތަނުން މިސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

"މިވަގުތަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ޖެހޭ ވަގުތު. އަދި އަވަސް އިންތިޚާބަކަށް ގޮސް ގައުމު ސަލާމަތް ކުރުމަށްޓަކައި، ރައްޔިތުުންނަށް ފުރުޞަތު ލިބެން ޖެެހޭ ވަގުތު." ފައިސަލް ވިދާޅުުވިއެވެ.



ފައިސަލް މިހެން ވިދާޅުވެފައިވާއިރު މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާ ބަަލައިގަންނަ ކަމަަށާއި އެ ނަތީޖާ އާއި ގުޅިގެން ސަރުކާރުން އިސްލާހުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީ.އެން.ސީގެ މައްޗަށް އިދިކޮޅު އެމް.ޑީ.ޕީން ބޮޑު ކާމިޔާބީއެއް ހޯދުމާ ގުޅިގެންނެވެ. މިގޮތުން ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑިތަކުގެ އިތުރުން، ކައުންސިލްތަކުގެ އަޣުލަބިއްޔަތު ގޮނޑިތައްވެސް ކާމިޔާބުކޮށްފައިވަނީ އެމް.ޑީ.ޕީންނެވެ. މީގެ ދެ އިންތިޚާބު އެއްދުވަހު ބޭއްވުމާއި މެދު ޚިޔާލު ހޯދުމަށް މިއަދު ނެގި ރެފަރެންޑަމް އަށް ވެސް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް