ސޯޝަލް މީޑިއާ މެދުވެރިކޮށް ނަސީމް ވަނީ އިންތިޚާބުގެ ތެރޭގައި ހިނގާދިޔަ ކަންކަމާއި، އިންތިޚާބަށްފަހު ފެނިގެންދާނެ މަންޒަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަފާ ނަސީމް ވިދާޅުވީ، ކޮންމެ އެއްޗެކޭ ކިޔަސް، "ސިޔާސީ ބިކާރީންނަކަށް" ރައްޔިތުންގެ ނިންމުން ހަޖަމެއް ނުވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ބަދަލުހިފުމުގެ ރޫހެއްގައި އަނިޔާވެރިވާނެ ކަމަށާއި، މަޖިލީހުގެ ތެރެއިން ޤާނޫނުތަކަށް ބަދަލުތައް ގެންނާނެ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ކޮންމެ އެއްޗެކޭ ކިޔަސް! ސިޔާސީ ބިކާރީންނަކަށް ރައްޔިތުންގެ ނިންމުން ހަޖަމެއްނުވާނެ. ބަދަލުހިފާނެ ބަޔަކަށް އަނިޔާދޭނެ. މަޖިލީހުން ގާނޫނުތަކަށް ބަދަލުގެންނާނެ. މީނުބައި ގައުމެއް. ފިތުނަޔާ ރިޝްވަތުގެ ތަނެއް. ގޮނޑިއާ މަގާމާ ޖީބަށްޓަކާ ކޮންމެފަދަ އަނިޔާއެއްވެސް ދީފާނެ. ހޭލާތިބޭ ދީ?
— NafaNaseem (@monasibnaseem) April 5, 2026
ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙަށް އިޝާރާތް ކުރައްވަމުން ނަސީމް ވިދާޅުވީ، މިއީ ފިތުނަޔާއި ރިޝްވަތުގެ ނުބައި މާހައުލެއް ކަމަށާއި، ގޮނޑިއާއި މަޤާމުގެ ދަހިވެތިކަމުގައި ކޮންމެފަދަ އަނިޔާއެއްވެސް ދީފާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ހޭލާތިބުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ނަސީމް ވިދާޅުވީ މިއީ ބަލިގަބޫލުކުރުން ނޫން ކަމަށާއި، އިންތިޚާބުގެ ތެރޭގައި ރޯމާދުވާލު ގިނަ ޖަރީމާތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން ޤާނޫނުތައް ބަދަލުކުރުމާއި، ރިޝްވަތު ދިނުމާއި، ވަޒީފާއާއި ލޯނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް މީހުން ވަޒީފާއިން ވަކިކޮށް، އަޚްލާޤީ މިންގަނޑުތަކަށް ގޮންޖަހާފައިވާ ކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފައެވެ. ވެރިކަމަކީ އަމާނާތަކަށްވާއިރު މި ޖަރީމާތައް ބެލެންޖެހޭނެ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
ދަރިންނޭ! ބަލިގަބޫލުކުރީއެއް ނޫން! ގާނޫނު ބަދަލުކޮށް، ރިޝްވަތުދީ ވަޒީފާޔާ ލާރިޔާ ލޯނުތައް ދީ، އެތައްބަޔަކު ވަޒީފާއިން ވަކިކޮށް، ގާނޫނުތަކާ ގަވާއިދާ އަޚްލާގަށް ގޮންޖެހީ، ހުރިހާ ހަޑިއެއް ނުބައެއްހެދީ އެނގިތިބެ ރޯމާދުވާލު. މިޖަރީމާތައް ބެލެންޖެހޭނެ. ވެރިކަމަކީ އަމާނާތެއް! ދީ?
— NafaNaseem (@monasibnaseem) April 5, 2026
އިންތިޚާބަށްފަހު ދެން ފެނިގެންދާނެ ކަންކަމާ ގުޅޭގޮތުން މަޒާޖީ މޭރުމަކުން ނަސީމް ވިދާޅުވީ، އިންތިޚާބުން ބަލިވި މީހުންނަށާއި ކެމްޕޭނުގައި އުޅުނު މީހުންނަށް ސަރުކާރުގެ މަތީ މަޤާމުތައް ބަހާލާ މަންޒަރު ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.
"މި އިންތިޚާބުން ރައްޔިތުން ދިން މެސެޖާއި ގުޅިގެން ދެން އެންމެ އަވަހަށް ފެންނާނެ ރިވެތި އިބުރަތްތެރި ފިލާވަޅަކީ އިންތިޚާބުން ބަލިވިމީހުނާ ކެންޕޭނުކުރި މީހުނަށް ވަޒީރުން، ނައިބުން، ކޯޑިނޭޓަރުންގެ ވަޒީފާ ދިނުން. އަނެއްބަޔަކަށް ލޯނާއި ޕްރޮޖެކްޓްތައް ދިނުން! ފިލާވަޅު ސަޅި ވާނެ،" ނަސީމް ވިދާޅުވިއެވެ.
މި އިންތިޚާބުން ރައްޔިތުން ދިން މެސެޖާއި ގުޅިގެން ދެން އެންމެ އަވަހަށް ފެންނާނެ ރިވެތި އިބުރަތްތެރި ފިލާވަޅަކީ އިންތިޚާބުން ބަލިވިމީހުނާ ކެންޕޭނުކުރި މީހުނަށް ވަޒީރުން، ނައިބުން ، ކޯޑިނޭޓަރުންގެ ވަޒީފާ ދިނުން. އަނެއްބަޔަކަށް ލޯނާއި ޕްރޮޖެކްޓްތައް ދިނުން! ފިލާވަޅު ސަޅި ވާނެ ދީ?
— NafaNaseem (@monasibnaseem) April 5, 2026
އިއްޔެ ބޭއްވި ވާދަވެރި 3 އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ގިނަ ގޮނޑިތަކުން ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.
ވަކިން ހާއްސަކޮށް، ދެ އިންތިޚާބާ ގުޅޭގޮތުން ނެގުނު ރިފަރަންޑަމް ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ސަރުކާރުން ހުށަހެޅި ކަންކަމާ ދެކޮޅަށް ވޯޓު ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު