މިފްކޯ މަސް ފިހާރަ-
މިފްކޯ މަސް ފިހާރަ-
މިފްކޯ އިން ވިއްކާ ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާއެކު އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، އެ ނިންމުން ބަދަލުކޮށް އަގުތައް ކުރިން ހުރި މިންވަރަށް އަލުން ހެޔޮކޮށްފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ބޮޑުވެފައިވާ ކަމަށް ބުނެ، މިފްކޯގެ ފިހާރަތަކުން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރިކަން އެ ކުންފުނިން އިއުލާން ކުރީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އެ ބަދަލާއެކު ކުރިން 17.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއްގެ އަގު ވަނީ 18.50 ރުފިޔާއަށް އުފުލިފައެވެ. އަދި ކުރިން 760 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅު ކޭހެއްގެ އަގު ވަނީ 800 ރުފިޔާއަށް ބޮޑުވެފައެވެ. މިއީ މަސްދަޅަކުން 1 ރުފިޔާ އަދި ކޭހަކުން 40 ރުފިޔާގެ ބޮޑުވުމެކެވެ.

ނަމަވެސް، މި ބަދަލާ ގުޅިގެން ސޯޝަލް މީޑިއާގައާއި އާންމުންގެ މެދުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން، މިފްކޯއިން ވަނީ މިއަދު އިރުއޮއްސުނު ފަހުން އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.

މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން މިފްކޯގެ ޕީއާރު މެނޭޖަރު ޝިފްޒާ މުސްތަފާ ވިދާޅުވީ، އަގަށް ގެނައި ބަދަލާ ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބުނު ހިޔާލުތަކަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ރިއާޔަތްކޮށް، ކުރިން އޮތް އަގުގައި މަސްދަޅު ވިއްކުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާއެކު މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮ މަސްދަޅެއް 17.50 ރުފިޔާއަށް ލިބޭނެއެވެ. އަދި ތެޔޮ މަސްދަޅު ކޭހެއް ވިއްކާނީ ކުރިންވެސް ހުރި އަގު ކަމަށްވާ 760 ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު