އަކްޝޭ ކުމާރު އަދި އެކްތާ ކަޕޫރު
އަކްޝޭ ކުމާރު އަދި އެކްތާ ކަޕޫރު
އަކްޝޭ ކުމާރުގެ ފިލްމެއް ފްލޮޕްވުމުން އޭނާ އެ ފިލްމަށް ނެގި ފައިސާ އަނބުރާ ދީފައިވާ ކަމަށާއި، މިއީ ބޮލީވުޑުން ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ އޯގާތެރި އަމަލެއް ކަމަށް މަޝްހޫރު ފިލްމީ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނެފިއެވެ.

އަކްޝޭ ކުމާރު މުހިންމު ރޯލަކުން ފެނިގެންދާ ފިލްމު "ބޫތު ބަންގްލާ" ގެ ޓްރެއިލާ ދާދިފަހުން ވަނީ އާންމުކޮށްފައެވެ. މި ޓްރެއިލާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މުމްބާއީގައި ބޭއްވި ޓްރެއިލާ ލޯންޗުކުރުމުގެ ހަފުލާގައި ފެނިގެންދިޔަ އަސަރުގަދަ ކަމަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މި ހަފުލާގައި ވާހަކަދައްކަމުން އެކްތާ ކަޕޫރު ވަނީ އަކްޝޭ ކުމާރުގެ ޝަޚުޞިއްޔަތާ ގުޅޭގޮތުން ހިތްދަތި ނަމަވެސް ނަމޫނާ ވާހަކައެއް ހިއްސާކޮށްފައެވެ. އެކްތާ ބުނި ގޮތުގައި މި ވާހަކަ އަޑުއަހާ ކޮންމެ މީހަކަށްވެސް އަކްޝޭއަކީ ހަމައެކަނި ކާމިޔާބު ތަރިއެއް ނޫން ކަމާއި، އޭނާއަކީ އިޚުލާޞްތެރި ރަހުމަތްތެރިއެއްކަން ހާމަވެގެންދާނެއެވެ.

ކުރީގެ ހަނދާންތައް އާކުރަމުން އެކްތާ ބުނީ، މީގެ އަހަރުތަކެއް ކުރިން އުފެއްދި "ވަންސް އަޕޮން އޭ ޓައިމް އިން މުމްބާއީ ދޮބާރާ" ބޮކްސް އޮފީހުގައި ބޭނުންވި ވަރުގެ ކާމިޔާބީއެއް ނުލިބުމުން، އަކްޝޭ އާދަޔާ ހިލާފު ކަމެއް ކުރި ކަމަށެވެ. "އޭނާ އަހަންނަށް ޗެކެއް ދިނުމަށްފަހު، އެ ފިލްމަށް އޭނާ ނެގި ފައިސާ އަނބުރާ ދިން. ފާއިތުވި 31 އަހަރުގެ ތެރޭގައި އެހެން އެއްވެސް މީހަކު މިފަދަ ކަމެއް ކޮށްފައެއް ނުވޭ،" އެކްތާ ކިޔައިދިނެވެ.

އެކްތާ އިތުރަށް ބުނީ، އެ ފައިސާ އަކްޝޭ ދިނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. "އަހަންނެއް އެ ފައިސާއަކު ނުހިފަން. އަހަރެން ބުނިން އަހަންނާއެކު އެހެން ފިލްމެއް ކުޅެދޭށޭ، އޭރުން އޭގެއިން މާ ގިނަ ފައިސާ ލިބޭނޭ. އެންމެ ފަހުން އެ ފުރުސަތު މިހާރު މިވަނީ ލިބިފައި،" އަކްޝޭގެ މި ނަމޫނާ އަމަލުގެ ސަބަބުން ހަފުލާގެ ބައިވެރިންނަށް ބޮޑު ހައިރާންކަމެއް ލިބި، އޭނާއަށް ތައުރީފު އޮއްސާލިއެވެ.

އެކްތާ ފާހަގަކުރި ގޮތުގައި މިއީ ހަމައެކަނި ފައިސާގެ މުއާމަލާތެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އެ ދެމީހުންގެ މެދުގައި އޮތް ވަރުގަދަ އިތުބާރާއި އިޙުތިރާމް ރަމްޒުކޮށްދޭ ކަމެކެވެ. ފައިދާއާއި ވިޔަފާރިއަށް ބުރަވެފައިވާ ފިލްމީ ދާއިރާގައި މިފަދަ އިޚުލާޞްތެރިކަމާއި ވަފާތެރިކަމަކީ ވަރަށް ނާދިރު ކަމެކެވެ.



ގިނަ އަހަރުތަކަކަށްފަހު އަކްޝޭ ކުމާރާއި އެކްތާ ކަޕޫރު "ބޫތު ބަންގްލާ" އިން އަލުން ގުޅިފައިވާއިރު، މިއީ ހަމައެކަނި ފިލްމީ މަސައްކަތެއް ނޫނެވެ. މިއީ ވަގުތާއެކު އިތުރަށް ބަދަހިވަމުން އަންނަ ގާތް އެކުވެރިކަމާއި ގުޅުމުގެ ދިރިހުރި މިސާލެކެވެ.



ކިޔުންތެރިންގެ ހިޔާލު