ސަރުކާރުގެ ޓެކްސީ، ފޮޓޯ: އެމްޓީސީސީ
ސަރުކާރުގެ ޓެކްސީ، ފޮޓޯ: އެމްޓީސީސީ
މާލެ ސަރަހައްދުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ތައްޔާރުކުރާ "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން އުފެއްދުމުގެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި ހުށަހެޅުއްވި މި މައްސަލައިގައި ކުޑޫ އެދިވަޑައިގެންފައިވަނީ، އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އާންމުންގެ މެދުގައި ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދިނުމަށެވެ. މި މަޝްރޫއަކީ އެތައް މިލިއަން ރުފިޔާއެއްގެ ޚަރަދު ހިނގާ ކަމަކަށް ވާއިރު، މިކަމުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގެ ތެރެއިން މެންބަރު ވަނީ ބީލަމުގެ މަރުހަލާއާ ގުޅޭ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ބީލަމުގައި ބައިވެރިވުމަށް ދައުވަތު ދެވުނު ކުންފުނިތަކަކީ ކޮބައިކަމާއި، އެ ފަރާތްތައް ހޮވުމުގައި ބޭނުންކުރި މިންގަނޑުތަކަކީ ކޮބައިތޯ ސާފުކުރުމަށް އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، އެމްޓީސީސީގެ އަމިއްލަ އައިޓީ ޑިޕާޓްމަންޓެއް އޮތްއިރު، މި މަސައްކަތުގައި އެ ޑިޕާޓްމަންޓްގެ އެއްވެސް ބައިވެރިވުމެއް އޮތްތޯވެސް ވަނީ ސުވާލު އުފައްދަވާފައެވެ.

މަސައްކަތް ހަވާލުކުރި ފަރާތުގެ ގާބިލިއްޔަތާ މެދު ސުވާލު އުފައްދަވަމުން، އެ ފަރާތަކީ މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާ ތަޖުރިބާހުރި ފަރާތެއްތޯ ބެލުމަށާއި، އެކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް މަޖިލީހާ ހިއްސާކުރުމަށް މުހައްމަދު އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ. އަދި މި އިންވެސްޓްމަންޓަކީ ކުންފުންޏަށް ފައިދާހުރި ކަމެއްތޯ ބަލައި ސީއީއޯއަށް ލަފާދޭންޖެހޭ އިންވެސްޓްމަންޓް ކޮމިޓީގެ ނިންމުންތަކާއި، ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ހިނގާފައިވޭތޯ ބެލުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ޓެންޑާ އިވެލުއޭޝަން މަރުހަލާގައި އުސޫލުން ބޭރުން އަމަލުކޮށްފައިވާ ކަމަށް ބުނާ ބުނުމެވެ. 13 މިލިއަން ރުފިޔާގެ މި ޓެކްނިކަލް ޓެންޑާ އިވެލުއޭޓް ކުރީ ކަނޑައެޅިފައިވާ ކޮމިޓީން ނޫން ކަމަށް ތުހުމަތުކޮށް، އެކަން ހިނގާފައިވާ ގޮތުގެ ތަފްސީލާއި ސަބް ކޮމިޓީގެ ލަފާ ހޯދިފައިވާނަމަ އެ ލިޔެކިޔުންތައް ހޯދުމަށްވެސް ވަނީ އެދިފައެވެ. ހަމައެހެންމެ، އިންކުއަރީ ފޮނުވި ފަރާތްތަކަކީ ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކެއްތޯ ކަށަވަރުކުރުމަށް، ދައުވަތު ފޮނުވި ތާރީޚާއި ދަފްތަރުގައި އެކުންފުނިތައް ހިމެނުނު ތާރީޚު ހޯދުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީން މިފަދަ މަސައްކަތަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، މެންބަރު ކުޑޫ ވަނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށްދިނުމަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު