ތެލުގޫ ސިނަމާގެ މަޝްހޫރު ތަރި ރާމް ޗަރަން އާއި ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެކުގައި މަސައްކަތް ކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބަންސާލީ މިހާރު ތައްޔާރުވަމުންދަނީ ބޮޑު ޖަންގައްޔެއްގެ ތެރޭގައި ހިނގާ ތާރީޚީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށެވެ. މި ފިލްމުގެ ލީޑް ރޯލަށް ރާމް ޗަރަން ގެނައުމަށް ބަންސާލީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެއެވެ. މި ފިލްމަކީ ބަންސާލީގެ އާންމު ސްޓައިލާ އެއްގޮތަށް، ވަރަށް ފުރިހަމަ މަންޒަރުތަކެއް ފެނިގެންދާނެ ބޮޑު ބަޖެޓެއްގެ "ޕީރިއަޑް ތުރިލާ" އެކެވެ.

މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ 'ގުލްލަކް' ފަދަ އުފެއްދުންތަކުން މަގުބޫލުކަން ހޯދާފައިވާ ލިޔުންތެރިޔާ ދުރުގޭޝް ސިންގްއެވެ. އޭނާ ފުރަތަމަ ތައްޔާރުކުރި ވާހަކަ މިހާރު ވަނީ ބޮޑު ފިލްމަކަށް ބަދަލުކޮށް، ފުރިހަމަ ސްކްރީންޕްލޭއެއްގެ ސިފަ ގެނެސްފައެވެ. ނަމަވެސް، މި ޕްރޮޖެކްޓާ ބެހޭގޮތުން ރާމް ޗަރަންއާ ރަސްމީކޮށް ވާހަކަ ދެކެވި، އެއްބަސްވުމަކަށް އާދެވިފައިވާކަން އަދި ކަށަވަރެއް ނުވެއެވެ.

މީގެ ކުރިން 2024 ވަނަ އަހަރު ވެސް މި ދެ ފަންނާނުން ގުޅިގެން އަމިޝް ތްރިޕާތީގެ "ދަ ލެޖެންޑް އޮފް ސުހެލްދޭވް" އަށް ބިނާކޮށް ފިލްމެއް އުފެއްދުމަށް މަޝްވަރާ ކުރެވުނެވެ. ނަމަވެސް އެ މަސައްކަތް އޭރު ކުރިއަށް ނުގޮސް ހުއްޓިފައެވެ.

ރާމް ޗަރަން މިހާރު މަސައްކަތްކުރަމުން ދަނީ ބުޗީ ބާބޫ ސަނާ ޑައިރެކްޓްކުރާ 'ޕެޑީ' ކިޔާ ސްޕޯޓްސް އެކްޝަން ޑްރާމާއެއްގައެވެ. މި ފިލްމުގައި އޭނާއާއެކު ޖާންވީ ކަޕޫރު، ޝިވާ ރާޖްކުމާރު އަދި ދިވްޔެންދޫ ފެނިގެންދާނެއެވެ. 'ޕެޑީ' ރިލީޒްކުރަން ކުރިން ނިންމާފައި އޮތީ މި އަހަރު މާޗްގައެވެ. ނަމަވެސް މިހާރު އެ ފިލްމު މިމަހު 30 އަށް ވަނީ ފަސްކޮށްފައެވެ.

ބަންސާލީ މިވަގުތު ބިޒީވެ އުޅެނީ ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް އާއެކު އުފައްދާ 'ލަވް އެންޑް ވޯ' ގެ މަސައްކަތުގައެވެ.



ކިޔުންތެރިންގެ ހިޔާލު