ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައި، އިސްރާއީލަށް އަރައިގަނެފާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.

އުރުދުޣާން ވިދާޅުވީ ނަތަންޔާހޫ ހުންނެވީ "ލެޔާއި ނަފުރަތުން ކަނުވެފައި" ކަމަށެވެ. އަދި ތުރުކީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ނަތަންޔާހޫއަކީ "މި ޒަމާނުގެ ހިޓްލަރު" ގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

އުރުދުޣާން ދެއްވި ތަޤުރީރެއްގައި ވިދާޅުވީ، ލީބިޔާ އާއި ކަރަބާކް އަށް ތުރުކީ ސިފައިން ވަން ފަދައިން، އިސްރާއީލަށް ވެސް ވަދެވިދާނެ ކަމަށާއި އެކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މި އިންޒާރު އައިސްފައިވަނީ އިސްރާއީލުގެ އިސް 35 އޮފިޝަލެއްގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ދައުވާ ތުރުކީން އުފުލާފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން (އައިސީސީ) ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާކަން ވެސް ތުރުކީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ހަމަލާތަކަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވަނީ އުރުދުޣާނަކީ އަމިއްލަ ޤައުމުގެ ކުރުދީ ރައްޔިތުން މަރަމުންދާ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވަނީ އުރުދުޣާނަކީ "މުސްލިމް ބްރަދަހުޑް" އަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ ބޮޑުވެފައިވަނީ ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި، މެދުއިރުމަތީގެ ބާރުވެރިކަން ހޯދުމަށް ދެ ޤައުމުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިންނެވެ.



ކިޔުންތެރިންގެ ހިޔާލު