އިސްރާއީލުގެ ހަމަލާއެއްގައި ރޯވި އަލިވާން ނިއްވަނީ
އިސްރާއީލުގެ ހަމަލާއެއްގައި ރޯވި އަލިވާން ނިއްވަނީ
ޣައްޒާ ސިޓީގައި އިންސާނީ އެހީ ފޯރުކޮށްދެމުންދާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ޑޮކްޓަރސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) ގެ ކްލިނިކަކަށް ޒަޔަނިސްޓް އިސްރާއީލުގެ ސިފައިން ދިން ނުރައްކާތެރި ވައިގެ ހަމަލާއެއްގައި، އެ ޖަމްޢިއްޔާގެ ދެ މުވައްޒަފަކު ޝަހީދުކޮށްލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ދިން މި ހަމަލާއާ ގުޅިގެން އެމްއެސްއެފުން 'އެކްސް' މެދުވެރިކޮށް ހާމަކުރި ގޮތުގައި، ޝަހީދުވެފައިވަނީ އެ ކްލިނިކުގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ދެ މުވައްޒަފުންނެވެ. މި އަނިޔާވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ޖަމްޢިއްޔާއިން ބުނީ، މިއީ ސީދާ އެ ކްލިނިކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި މި ހާދިސާއާއެކު، ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި އެމްއެސްއެފްގެ މުވައްޒަފުންގެ ޖުމްލަ އަދަދު މިހާރު 17 އަށް އަރާފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

އެމްއެސްއެފުން އިތުރަށް ހާމަކުރި ގޮތުގައި، ހަމަލާ އަމާޒުވި އިމާރާތަކީ އެ ޖަމްޢިއްޔާގެ ނިޝާން ވަރަށް ސާފުކޮށް ފެންނަން ހުރި ތަނެކެވެ. އަދި އެތަނަކީ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްކަން ކުރިންވެސް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައި، މަޢުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. އެހެންކަމުން، މި ޖަރީމާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީ ކުރުވުމަށް އެމްއެސްއެފުން ވަނީ ގޮވާލާފައެވެ.

މި ހަމަލާއާ ގުޅިގެން އެއްވެސް ހެއްކެއް ނެތި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޝަހީދުވި ދެ މުވައްޒަފުންނަކީ ޙަމާސްގެ މެންބަރުން ކަމަށް ބުނެ ތުހުމަތުކޮށްފައެވެ. ނަމަވެސް އެހީދޭ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، އިންސާނީ އެހީތެރިންނަށް ހަމަލާދިނުން ދިފާޢުކުރުމުގެ ބޭނުމުގައި، އެއްވެސް އަސާސެއް ނެތް މިފަދަ ދޮގު ތުހުމަތުތައް އުފެއްދުމަކީ އިސްރާއީލުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.

މި ހަމަލާ ކުށްވެރިކުރައްވައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ، މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. އަދި އަނެކުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާދިނުމުގެ ބަދަލުގައި، އެ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓާއިން ވެސް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިއީ އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ ވަސީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ރޭވުންތެރިކަމާއެކު ދެމުންގެންދާ ހަމަލާތަކެއް ކަމަށް އެ ޖަމާޢަތުން ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ 1،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެއިތުރުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެމްއެސްއެފްގެ ބޭރުގެ މުވައްޒަފުން ޣައްޒާއަށް އެތެރެވުން ހުއްޓުވައި، އެ ޖަމްޢިއްޔާގެ އެހީގެ ސާމާނު އެތެރެކުރުމަށްވެސް އިސްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ.

ހަމައެއާއެކު، މި ހަފްތާގެ ކުރީކޮޅު އިސްރާއީލުން ދިން ހަމަލާއެއްގައި އދ. ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އެޖެންސީ (އުންރުވާ) ގައި 35 އަހަރު ވަންދެން ޚިދުމަތްކުރި އާދިލް އަލް-ހެލޫ ވެސް ވަނީ ޝަހީދުކޮށްލާފައެވެ. އޭނާ ޝަހީދުވީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. މި ހަމަލާގައި އިތުރު ތިން މީހަކު ވަނީ ޒަޚަމްވެފައެވެ.

އޮކްޓޯބަރު 2025 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، އިސްރާއީލުން ތަކުރާރުކޮށް ދަނީ އެ އެއްބަސްވުމާ ޚިލާފުވެ، ފަލަސްތީނުގެ ކުށެއްނެތް އާންމުންނަށާއި އިންސާނީ އެހީތެރިންނަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް