އިސްރާއީލު ސިފައިން މެދުތެރޭ ޣައްޒާގައި ހިންގި އެއްގަމު އަސްކަރީ އޮޕަރޭޝަނެއްގައި، ޔަހޫދީ އިސްރާއީލުން ވާގިވެރިވާ ފަލަސްތީނުގެ ހަމާސްއާ ދެކޮޅު ހަތިޔާރުއެޅި ގްރޫޕުތަކަކުން ބައިވެރިވެ އެހީތެރިވެދީފައިވާ ކަމަށް ފަލަސްތީނުގެ ސަލާމަތީ ފަރާތްތަކުން ތުހުމަތުކޮށްފިއެވެ.
މި ހާދިސާ ފެށިގެން ދިޔައީ އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތު ރެފިއުޖީ ކޭމްޕުގެ އުތުރު ބިތުގައި އޮންނަ އަލްދަޢުވާ މަގުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު އަންހެނުންތަކެއް ހިޔާވަހިކަން ހޯދަމުންދިޔަ ގެއެއްގެ ބޭރަށް، އާންމު ހެދުމުގައި ތިބި އަދި ކުދި ހަތިޔާރު އަޅައިގެން ތިބި ފަލަސްތީނުގެ ހަނގޫރާމަވެރި ބަޔަކު ވަދެގަތެވެ. އެވަގުތު މަތީގައި އިސްރާއީލުގެ ޑްރޯންތައް އުދުހެމުން ދިޔައިރު، އެ މީހުން ވަނީ އެ ގެ ވަށައިލުމަށްފަހު އަންހެނުންތައް މަގުމައްޗަށް ނެރެ، ޓޯޗު އަޅައިގެން ވަކި ފިރިހެނަކު ހޯދުމަށް ސުވާލުކޮށް ބިރުދައްކާފައެވެ. އަދި ވައިގެ ތެރެއަށް ބަޑިޖެހުމަށްފަހު، އެއްވެސް މީހަކު ހައްޔަރުނުކޮށް މި ގްރޫޕުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
އޭގެ މަދު ގަޑިއިރުތަކެއް ފަހުން، ބުދަ ދުވަހު އިސްރާއީލު ސިފައިން ވަނީ ނުސައިރާތު އަދި ބުރައިޖު ކޭމްޕު ކައިރީގައި އެއްގަމު މަގުން ވަރުގަދަ އޮޕަރޭޝަނެއް ފަށައި، ޣައްޒާގެ މައި މަގު ކަމަށްވާ ސަލާހުއްދީން މަގު ބަންދުކޮށްފައެވެ. ޣައްޒާގެ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނާ ގުޅިގެން ގާތްގަނޑަކަށް 6،000 އެއްހާ މީހުން ވަނީ ރައްކާތެރިކަން ހޯދުމަށް ފިލައިގެން ގޮސްފައެވެ. އަދި މި ހަމަލާތަކުގައި ފަލަސްތީނުގެ އެކަކު ޝަހީދުވެފައިވާ އިރު، ބުރާސްފަތި ދުވަހު އިސްރާއީލުން ބުނެފައިވަނީ އެމީހުންގެ ސިފައިންނަށް ނުރައްކާވާ ފަދަ ޓަނަލެއް ނައްތާލުމަށް ހިންގި މި އޮޕަރޭޝަން ނިމިފައިވާ ކަމަށެވެ.
ފަލަސްތީނުގެ ސަލާމަތީ މަސްދަރަކުން އަލްޖަޒީރާއަށް ކަށަވަރުކޮށްދިން ގޮތުގައި، އިސްރާއީލުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި އެ ގައުމުން ވާގިވެރިވާ ޣައްޒާގެ ހަތިޔާރުއެޅި ގްރޫޕުތަކުން ބައިވެރިވެފައިވެއެވެ. މި ގޭންގުތަކުން ވަނީ އާންމުންނަށް ބިރުދައްކައި، ގެދޮރު ދޫކޮށް ދިއުމަށް އާއިލާތަކަށް މަޖުބޫރުކުރުވާފައެވެ. އަދި މި ގްރޫޕުތަކަށް އިސްރާއީލު ސިފައިން ވަނީ ވައިގެ މަގުންނާއި ބިމުން ހިމާޔަތްދީ، ސަލާހުއްދީން މަގު ބަންދުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސަލާމަތީ ފަރާތްތަކުން މި ފަރާތްތައް ސިފަކޮށްފައިވަނީ ފަލަސްތީނުގެ އެތެރޭގެ އެއްބައިވަންތަކަން ނައްތާލައި، ގައުމުގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް އިސްރާއީލުން ފައިސާއާއި ހަތިޔާރު ދީގެން އުފައްދާފައިވާ "ގޭންގުތަކެއް" ގެ ގޮތުގައެވެ.
އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި 74،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، ހަމާސްއާ ދެކޮޅު ގްރޫޕުތަކަށް އެހީތެރިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މީގެ ކުރިން އިއުތިރާފުވެފައެވެ.
ފަލަސްތީނުގެ ސިޔާސީ ކަންކަން ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އިޔާދު އަލްޤައްރާ ވިދާޅުވި ގޮތުގައި އިސްރާއީލުން ވަނީ ރަފާހާއި ޚާން ޔޫނިސްގެ އިތުރުން މެދުތެރޭ ޣައްޒާއަށާއި ޣައްޒާ ސިޓީއަށް މި ގްރޫޕުތަކުގެ ހަރަކާތްތައް ފުޅާކޮށްފައެވެ. މީގެއިތުރުން އިސްރާއީލު ސިފައިންނަށް ވަންނަން ދަތިވާ ސަރަހައްދުތަކުގައި އިސް ސަފަށް މި ހަނގޫރާމަވެރިން ނެރެ، މީހުން ރަހީނުކުރުމާއި، ގަތުލުކުރުމުގެ މަސައްކަތްތައް އިސްރާއީލުގެ ވައިގެ ހިމާޔަތުގައި މި ގްރޫޕުތަކުން ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރިޕޯޓުތައް ބުނާގޮތުން ޣައްޒާގައި އިސްރާއީލާ ގުޅިގެން ހަރަކާތްތެރިވާ މައިގަނޑު ފަސް ގްރޫޕެއް އޮންނައިރު، އޭގެ ތެރޭގައި އެތައް ސަތޭކަ މެންބަރުން ހިމެނެއެވެ. އޭގެ ތެރޭގައި ރަފާހުގައި ހަރަކާތްތެރިވާ ޣައްސާން އަލްދަހައިނީގެ "ޕޮޕިއުލާ ފޯސަސް" އާއި، ޚާން ޔޫނިސްގެ އިރުމަތީގައި އުޅޭ ހުސާމް އަލްއަސްތަލްގެ ގްރޫޕާއި، މެދުތެރޭ ޣައްޒާގައި ހަރަކާތްތެރިވާ ޝައުޤީ އަބޫ ނުސައިރާގެ ގްރޫޕުގެ އިތުރުން، ރާމީ ހިލިސް އަދި އަޝްރަފް އަލްމަންސީގެ ގްރޫޕުތައް ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދެއްކެވި ފަލަސްތީނުގެ ސިޔާސީ މާހިރެއް ކަމަށްވާ ވިސާމް އަފީފާ ވިދާޅުވީ، އިސްރާއީލުގެ ބޭނުމަކީ ޣައްޒާއިން ސިފައިން ފޭބި ނަމަވެސް، މިފަދަ ލޯކަލް ގްރޫޕުތައް މެދުވެރިކޮށް ޣައްޒާގެ މައްޗަށް ދާއިމީ ސަލާމަތީ ބާރެއް ދެމެހެއްޓުމެވެ. މިގޮތުން ރަފާހު ބޯޑަރު ހުރަސްކުރާ މީހުން ހުއްޓުވައި ޗެކުކުރުމުގެ ހަރަކާތްތަކެއްވެސް މި ގްރޫޕުތަކުން ކުރިއަށްގެންދާ ކަމަށާއި، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުންވެސް މިފަދަ ބިރުދެއްކުންތަކާއި ވައްކަމުގެ ޝަކުވާތައް ރެކޯޑުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ ކުރިމަގުގައި ޣައްޒާގެ ކަންކަން ނިންމުމުގައި މި ގޭންގުތައް ބޭނުންކުރުމަށް އިސްރާއީލުން ރާވަމުންދާ ނުރައްކާތެރި ރޭވުމެއް ކަމަށް މަސްރަހު ބަލާ ފަރާތްތަކުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު