ރައީސް ވޮލޮޑިމީރް ޒެލެންސްކީ, ރައީސް ވްލަޑިމިއަރ ޕޫޓިން އަދި ރައީސް ޑޮނަލްޑް ޓްރަމްޕް
ރައީސް ވޮލޮޑިމީރް ޒެލެންސްކީ, ރައީސް ވްލަޑިމިއަރ ޕޫޓިން އަދި ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަކީ "ރަހުމަތްތެރިއެއް" ކަމަށް ސިފަކުރެއްވުމުންނާއި، ޔޫކްރެއިނަށް ދޭންޖެހޭ މިސައިލް ދިފާޢީ ނިޒާމުތައް ފޯރުކޮށްދިނުން އެމެރިކާއިން ލަސްކުރަމުންދާތީ، އެކަމާ މެދު އިންތިހާއަށް ކަންބޮޑުވެ މާޔޫސްވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ވެރިރަށް ކިއެވްގައި ހުންނަ ރިޔާސީ އޮފީހުގައި ބީބީސީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވީ، ސުލްޙައިގެ ވާހަކަތަކުގައި ރަޝިޔާއަށް ބާރުއެޅުމަށް އެމެރިކާ ފަސްޖެހެމުންދާ ކަމަށެވެ. އަދި ޓްރަމްޕް، ޕޫޓިންއާ އެކު ބައްދާލައިގެން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޢާންމުކުރެއްވުމަކީ "ވަރަށް އާދަޔާޚިލާފު އަދި

ބަލައިގަންނަން އުނދަގޫ" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިނގިރޭސި ބަހުން ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، "އެއީ އެމެރިކާގެ ރައީސްގެ ނިންމެވުމެއް، އެކަމަކު އެއީ ވަރަށް ބީރައްޓެހި މަންޒަރެއް. ޕޫޓިންއަކީ އަނިޔާވެރި އުދުވާނެއް ހިންގާ ޤާތިލެއް. އޭނާއަކީ ދުވަހަކުވެސް ރަހުމަތްތެރިއަކަށް ވެވޭނެ މީހެއް ނޫން. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެޑޮލްފް ހިޓްލަރަކީ ރަހުމަތްތެރިއެކޭ ބުނުން ފަދަ ކަމެއް."

2025 ވަނަ އަހަރު އޯވަލް އޮފީހުގައި ޓްރަމްޕާ އެކު ބޭއްވި ހޫނު ބައްދަލުވުމަށްފަހު، އެމެރިކާއާ އެކު އޮންނަ ގުޅުން ގެންގުޅުމުގައި ޒެލެންސްކީ އަންނަނީ ވަރަށް ބޮޑަށް ސަމާލުވަމުންނެވެ. ޔޫކްރެއިންގެ ފުރާނަތައް ސަލާމަތް ކުރުމަށްޓަކައި، ޓްރަމްޕްގެ ޚާއްޞަ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނަރ އަދި ސްޓީވް ވިޓްކޮފް އަންނަނީ ދެޤައުމުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ މަންދޫބުންގެ ނިންމުންތައް ޔޫކްރެއިނަށްވުރެ ބޮޑަށް ބުރަވަނީ މޮސްކޯގެ ކޮޅަށް ކަމަށް ބެލެވެއެވެ. ޓްރަމްޕްގެ ދަނބިދަރިކަލުން ކުޝްނަރ ދާދިފަހުން ވިދާޅުވެފައިވަނީ، ނިއުކްލިއަރ ހަތިޔާރު ބޭނުންނުކޮށް ޕޫޓިން "ކެތްތެރިކަން" ދައްކަވާފައިވާ ކަމަށާއި އޭނާއަކީ ސިޔާސީ މައިދާނުގެ "ގްރޭންޑް މާސްޓަރެއް" ކަމަށެވެ.

މިމަހުގެ ކުރީކޮޅު އަބޫދާބީގައި ބޭއްވުނު ސުލްޙައިގެ ވާހަކަތަކުން އެއްވެސް ކުރިއެރުމެއް ނުލިބުނުއިރު، ޒެލެންސްކީ ވިދާޅުވީ "މަޢުލޫމާތު ލިބޭ ވަރަކަށް މައްސަލަތައް ދަނީ އިތުރުވަމުން" ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހު އަލުން ވާހަކަތައް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. މިދިޔަ ހަފްތާގައި ޗައިނާގައި ޕޫޓިންއާ ބައްދަލުކުރެއްވުމަށްފަހު، ޓްރަމްޕް ވަނީ ޔޫރަޕަށް ދޭ ޙަމަލާތައް ހުއްޓާލުމަށް ރަޝިޔާއަށް ގޮވާލާފައިވާ ކަމަށާއި ސުލްޙަވުމުގެ ފުރުޞަތު ބޮޑު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ރަޝިޔާއިން އަދިވެސް ތިބީ އެމީހުންގެ ކުރީގެ ހަރުކަށި ޝަރުޠުތަކުގެ މަތީގައެވެ. މީގެއިތުރުން، އެމެރިކާއިން ބުނި ނަމަވެސް، މި ވާހަކަތަކުގައި ޔޫރަޕްގެ މަންދޫބުން ބައިވެރިވާނެކަން އަދި ސާފެއް ނުވެއެވެ.

ފަސް އަހަރަށް ދެމިގެން ގޮސްފައިވާ މި ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔޫކްރެއިނަށް ސުލްޙަ ކޮންމެހެން ބޭނުންވެފައިވާއިރު، ރަޝިޔާއިން ޢާންމުންނަށް އަމާޒުކޮށް ދޭ ޙަމަލާތައް ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެހެންކަމުން، ރަޝިޔާއަށް ޕްރެޝަރު ކުރެވޭނެ ހަޤީޤީ އެކުވެރިންތަކެއް ބޭނުންވާ ކަމަށާއި، ދުނިޔޭގެ ބާރުގަދަ ޤައުމެއްގެ ގޮތުގައި އެމެރިކާގެ ޒިންމާ އަދާކުރުމަށް ޒެލެންސްކީ ގޮވާލެއްވިއެވެ. "އަނިޔާވެރިޔާއާ މެދު ވަކިފަރާތަކަށް ނުޖެހި ތިބުމަކީ، އަނިޔާ ލިބޭ މީހާއަށާއި އަނިޔާވެރިޔާއަށްވެސް އެއްފަހަރާ އެހީތެރިވުން ފަދަ ކަމެއް، އެއީ ރަނގަޅު ގޮތެއް ނޫން،" ޒެލެންސްކީ ވިދާޅުވިއެވެ.

ޕޫޓިންއަކީ ރަހުމަތްތެރިއެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އޭނާ ބޭނުންވަނީ މީހުން މެރުން ހުއްޓުވައި އެއްބަސްވުމަކަށް އައުމަށް ކަމަށެވެ. އަދި އަނެއްކޮޅުން އެންމެ ބޮޑު މައްސަލައަކީ ޒެލެންސްކީ އާއި ޕޫޓިން، އެކަކު އަނެކަކު ދެކެ އިންތިހާއަށް ރުޅިއައުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ޔޫކްރެއިންގެ ވައިގެ ސަރަޙައްދު ދިފާޢުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ރަޝިޔާގެ ޑްރޯންތަކުގެ ތެރެއިން %70 ވައްޓާލެވުނު ނަމަވެސް، ބެލިސްޓިކް މިސައިލް ހުއްޓުވުމަށް ބޭނުންވާ 'ޕެޓްރިއަޓް' ސިސްޓަމްތައް ފޯރުކޮށްދިނުން އެމެރިކާއިން ލަސްކުރަމުންދާތީ، އެކަމުގެ އަގު ދައްކަން ޖެހެނީ ޢާންމުންގެ ފުރާނައިން ކަމަށް ޒެލެންސްކީ ފާހަގަކުރެއްވިއެވެ. އަދި އެމެރިކާއިން މެދުއިރުމައްޗަށް އިސްކަންދީ، އެ ސަރަޙައްދަށް މާބޮޑަށް އެހީތެރިވަމުންދާތީ އެކަމާ މެދު ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކުގައި ސްޓާލިންކް ސެޓެލައިޓް ޚިދުމަތްތަކަށް ހުރަސްއެޅުމުގެ ސަބަބުން ދިފާޢީ ޑްރޯން އޮޕަރޭޝަންތަކަށް ދަތިވަމުންދާ ކަންވެސް އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ރަޝިޔާގެ ތެޔޮ ސާފުކުރާ ތަންތަނަށާއި ހަނގުރާމަމަތީ މަނަވަރުތަކަށް ޔޫކްރެއިނުން ދޭ ޙަމަލާތައް އިތުރުކޮށްފައިވާއިރު، ލީބިޔާގައި އޮތް ރަޝިޔާގެ މަނަވަރެއް ފައްތާލުމާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، ޒެލެންސްކީ ވަނީ އެއީ ޙައްޤު އަމާޒެއް ކަމަށް ވިދާޅުވެ ދިފާޢުކުރައްވާފައެވެ.

ކުރިއަށް އޮތީ ނުރައްކާތެރި އަދި ފިނިގަދަ ފިނިމޫސުމެއްކަން ފާހަގަކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން ދަނީ ކަރަންޓާއި ބްރިޖުތަކަށް ޙަމަލާދީ ވެރިރަށް ކިއެވް ދެބައިކޮށް، ރައްޔިތުން ފިލުވައިލަން މަސައްކަތް ކުރަމުން ކަމަށެވެ. "މީހުންނަށް ރަށް ދޫކޮށް ދެވިދާނެ، އެކަމަކު އަހަރެމެން ކޮންމެ ގޮތަކުންވެސް ވެރިރަށް ދިފާޢުކުރާނަން. ވެރިރަށަކާ ނުލައި ޤައުމެއް ނޯންނާނެ،" ޒެލެންސްކީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް