ބީ.ވައި.ޑީ އަކީ މިހާރު އިލެކްޓްރިކް އުޅަނދުތަކުގެ ދުނިޔޭގައި އެންމެ ނަން މަޝްހޫރު އެއް ކުންފުންޏެވެ. ނަމަވެސް، މި ކުންފުނީގެ ފެށުމަކީ ކާރު އުފެއްދުމެއް ނޫނެވެ. 1995 ވަނަ އަހަރު ޗައިނާގެ ޝެންޒެންގައި ވަންގް ޗުއަންފޫ މި ކުންފުނި އުފެއްދެވިއިރު، ބީ.ވައި.ޑީގެ މައިގަނޑު މަސައްކަތަކީ މޮބައިލް ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނަށް ބޭނުންވާ ރީޗާޖުކުރެވޭ ބެޓެރި އުފެއްދުމެވެ. އަގުބޮޑު އޮޓޮމޭޝަން މެޝިނަރީތަކުގެ ބަދަލުގައި، ހުނަރުވެރި އިންޖިނިއަރިންގް އާއި މަސައްކަތްތެރިންގެ ބޭނުން ހިފައިގެން، ފެންވަރު ރަނގަޅު ބެޓެރި އަގުހެޔޮކޮށް އުފައްދަން ފެށުމުން ކުންފުނި ވަރަށް އަވަހަށް ކުރިއަރައިދިޔައެވެ. ނަތީޖާއެއްގެ ގޮތުން، މަދު އަހަރުތަކެއްގެ ތެރޭގައި ބީ.ވައި.ޑީ ވެގެންދިޔައީ ދުނިޔޭގައި ބެޓެރި އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏަށެވެ.

ކުންފުނީގެ މިސްރާބު ބަދަލުވީ 2003 ވަނަ އަހަރު "ޗިންޗުއާން އޮޓޯމޯބައިލް" ކުންފުނި ގަނެ، ކާރު އުފެއްދުމުގެ ދާއިރާއަށް ވަނުމުންނެވެ. ކާރު އުފެއްދުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކުން މިފަދަ ފިޔަވަޅެއް އެޅުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ފުރަތަމަ އަހަރުތަކުގައި ބީ.ވައި.ޑީ އިން އުފެއްދީ އާދައިގެ ތެޔޮ އަޅާ ކާރުތަކެވެ. މި ކާރުތަކަކީ އާދަޔާޚިލާފު މޮޅު ކާރުތަކަކަށް ނުވި ނަމަވެސް، މީގެ ސަބަބުން ކާރުގެ ފަރުމާކުރުމާއި، އުފެއްދުމާއި، އަދި ބާޒާރުގެ ވާދަވެރިކަން ދެނެގަތުމަށް ކުންފުންޏަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ.

ބީ.ވައި.ޑީ އެހެން ކުންފުނިތަކާ ތަފާތުވީ، މުސްތަޤުބަލުގައި އިލެކްޓްރިކް އުޅަނދުތަކަށް އޮންނާނެ ބޭނުންތެރިކަން އެ ކުންފުންޏަށް ކުރިންސުރެ އިހުސާސް ކުރެވުމުންނެވެ. ދުނިޔޭގެ ބޮޑެތި ކާރު ކުންފުނިތައް އަދިވެސް ތެޔޮ އިންޖީނުތަކަށް ސަމާލުކަން ދެމުންދިޔައިރު، ބީ.ވައި.ޑީ އިން ދެކުނީ ކުރިމަގު އޮތީ އިލެކްޓްރިކް ކާރުތަކަށް ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ބެޓެރި އުފެއްދުމުގެ ދާއިރާގައި އެ ކުންފުންޏަށް ލިބިފައިވާ ވަރުގަދަ ތަޖުރިބާއެވެ. އެގޮތުން 2008 ވަނަ އަހަރު، ދުނިޔޭގައި ފުރަތަމަ ފަހަރަށް އާންމުކޮށް ވިއްކަން ފެށި "ޕްލަގް-އިން ހައިބްރިޑް" ކާރުތަކުގެ ތެރޭގައި ހިމެނޭ "ބީ.ވައި.ޑީ އެފް 3 ޑީއެމް" ބާޒާރަށް ނެރުނެވެ. މިއީ އިލެކްޓްރިކް އުޅަނދުތަކަކީ އަދިވެސް ތަޖުރިބާގެ މަރުހަލާގައި އޮތް އެއްޗެއްގެ ގޮތުގައި ބެލެވުނު ދުވަސްވަރެއްގައި އެޅި ވަރަށް ހިތްވަރުގަދަ ފިޔަވަޅެކެވެ.

ހަމަ އެ ދުވަސްވަރު، ދުނިޔޭގެ މަޝްހޫރު އިންވެސްޓަރު ވޮރެން ބަފެޓްގެ ބާކްޝަޔަރ ހެތަވޭ އިން ބީ.ވައި.ޑީގައި އިންވެސްޓް ކުރުމުން، އެ ކުންފުންޏަށް ބައިނަލްއަގުވާމީ ސަމާލުކަމާއި އިތުބާރު ލިބިގެންދިޔައެވެ. މިއީ ބައިނަލްއަގުވާމީ ބާޒާރުތަކަށް ކުންފުނި ފުޅާވުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރަކަށް ވިއެވެ.

ފާއިތުވި އަހަރުތަކުގައި ބީ.ވައި.ޑީ އިން ވަނީ ހަމައެކަނި އާދައިގެ ކާރުގެ ބަދަލުގައި އިލެކްޓްރިކް ބަހާއި، ލޮރީ އަދި ތިމާވެއްޓާ ރައްޓެހި އެކި ކަހަލަ ހަކަތައިގެ ވަސީލަތްތައް އުފައްދާފައެވެ. އެ ކުންފުނީގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އުޅަނދުތަކަށް ބޭނުންވާ ބެޓެރި އާއި މުހިންމު ބައިތައް އަމިއްލައަށް އުފެއްދުމެވެ. މީގެ ސަބަބުން އުފެއްދުމުގެ ޚަރަދު ކުޑަކޮށް، މާ އަވަހަށް އައު އީޖާދުތައް ބާޒާރަށް ނެރުމުގެ ޤާބިލުކަން އެ ކުންފުންޏަށް ލިބިގެންދިޔައެވެ.

މީގެ ތެރެއިންވެސް، ބީ.ވައި.ޑީ އިން ތައާރަފުކުރި "ބްލޭޑް ބެޓެރި" (އެލް އެފް ޕީ) އަކީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. މި ބެޓެރިއަކީ ރައްކާތެރިކަން ބޮޑު، ގިނަ ދުވަހު ބޭނުންކުރެވޭ އަދި ހޫނުވުމުގެ މައްސަލަތަކަށް ހައްލެއް ގެނެސްދިން އުފެއްދުމެކެވެ. މިއާއެކު، އިލެކްޓްރިކް އުޅަނދުތަކުގެ ބެޓެރީގެ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި އޮތް ބިރުވެރިކަމަށް ބޮޑު ލުޔެއް ލިބުނެވެ.

ބީ.ވައި.ޑީގެ ކާމިޔާބީއާ ގުޅޭގޮތުން ފާހަގަކޮށްލެވޭ ހާދިސާއެއް އޮވެއެވެ. މީގެ އަހަރުތަކެއް ކުރިން، ޓެސްލާގެ ވެރިޔާ އީލޮން މަސްކް ގާތު ބީ.ވައި.ޑީއާ ބެހޭގޮތުން ސުވާލުކުރުމުން، އޭނާ ވަނީ މަލާމާތުގެ ރާގަކަށް "ހެވްޔޫ ސީމް ދެއަރ ކާރސް؟" އޭ ބުނެފައެވެ. ނަމަވެސް މިއަދުގެ ހާލަތު މުޅިން ތަފާތެވެ. ބީ.ވައި.ޑީ އަކީ މިހާރު އިލެކްޓްރިކް އުޅަނދުތަކުގެ ދާއިރާގައި ދުނިޔެ ބަލައިގަންނަ ބޮޑު ބާރެކެވެ. އަދި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ބީ.ވައި.ޑީގެ ބެޓެރި އެމީހުންގެ ވެހިކަލް ތަކުގައި ބޭނުންކުރެއެވެ. އެންމެ މުހިންމުކަމަކީ މިހާރު ބީ.ވައި.ޑީގެ ބެޓެރި އެލޮން މަސްކްގެ ޓެސްލާ ގައިވެސް ބޭނުންކުރެއެވެ. މިއީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާގައި ކަންކަން ވަރަށް އަވަހަށް ބަދަލުވެދާނެ ކަމާއި، ކުރިއަރަމުން އަންނަ ވާދަވެރިންނަށް ދަށްކޮށް ބެލުމަކީ ބުއްދިވެރި ކަމެއް ނޫންކަން ހާމަކޮށްދޭ މިސާލެކެވެ.

މިއަދު ބީ.ވައި.ޑީ އަކީ ދުނިޔޭގެ އިލެކްޓްރިކް ކާރުގެ ބާޒާރުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. އަގުހެޔޮ ކުދި ކާރުތަކުން ފެށިގެން، އެންމެ ޒަމާނީ އެސް.ޔޫ.ވީ ތަކާ ހަމައަށް އެ ކުންފުނީގެ އުފެއްދުންތައް ތަފާތެވެ. ޗައިނާގެ އިތުރުން އޭޝިއާ، ޔޫރަޕް އަދި މެދުއިރުމަތީގެ ޤައުމުތަކުގައި ވެސް ބީ.ވައި.ޑީގެ ކާރުތައް މިހާރު ދަނީ ވިއްކަމުންނެވެ. ފާއިތުވި އަހަރުތަކުގައި، ހައިބްރިޑް އުޅަނދުތައް ހިމެނޭހެން، ޖުމްލަ އުޅަނދު ވިއްކި އަދަދަށް ބަލާއިރު ބީ.ވައި.ޑީ ވަނީ ޓެސްލާއަށް ވުރެ ވެސް ކުރިއަށް ޖެހިލާފައެވެ.

ކުޑަ ބެޓެރި އުފައްދާ ކުންފުންޏަކުން ދުނިޔޭގެ ކާރު އުފައްދާ އެންމެ ބޮޑު އެއް ބާރަށް ބީ.ވައި.ޑީ ބަދަލުވެގެން ދިޔަ ދަތުރަކީ، ދުރުވިސްނުމާއި ދެމެހެއްޓެނިވި ރޭވުންތެރިކަމުގެ ނަތީޖާއެވެ. އިލެކްޓްރިކް ޓެކްނޮލޮޖީއަށް ކުރިންސުރެ ސަމާލުކަން ދީ، ބެޓެރި އުފެއްދުމުގެ ބާރުވެރިކަން ބޭނުންކޮށްގެން އެ ކުންފުނި ވަނީ އެހެން ކުންފުނިތަކަށް ވުރެ ކުރި ހޯދާފައެވެ. ދުނިޔެ މިހާރު ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމަކަށް މިސްރާބު ޖަހާފައިވާއިރު، ބީ.ވައި.ޑީ އަކީ އެ މުސްތަޤުބަލުގެ ހިއްސާދާރެއް އެކަންޏެއް ނޫނެވެ އެއީ އެ ދާއިރާގެ އެންމެ ކުރީގައި އޮވެ މަގު ދައްކައިދޭ އެއް ކުންފުންޏެވެ.



ކިޔުންތެރިންގެ ހިޔާލު