ޕަލަކް މުޗާލް
ޕަލަކް މުޗާލް
ޕަލަކް މުޗާލް އަކީ ހަމަ އެކަނި މިއުޒިކް ދާއިރާގައި ފާހަގަކޮށްލެވޭ ލަވަކިޔުންތެރިއެއް އެކަންޏެއް ނޫނެވެ. އޭނާއަކީ ހުނަރުވެރިކަމުގެ އިތުރުން އޯގާތެރިކަމާއި އިންސާނިޔަތު ކަމުގެ ނަމޫނާއެކެވެ. 30 މާރިޗު 1992 ގައި އިންޑިއާގެ އިންޑޯރަށް އުފަންވި ޕަލަކް، ލަވަކިޔުމުގެ ދާއިރާއަށް ވަނީ ކުޑަކުއްޖެއްގެ ގޮތުގައި އަވަށު ފެންވަރުގެ ހަފުލާތަކުންނެވެ. ނަމަވެސް، އޭނާގެ މަސައްކަތް އެހެން ފަންނާނުންނާ ތަފާތުވަނީ އޭނާގެ މަޤްސަދުގެ ސަބަބުންނެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރުވެސް އޭނާ ލަވަކިޔަމުން ދިޔައީ ބަލިކުދިންނަށް، ހާއްސަކޮށް ހިތުގެ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންގެ ފަރުވާއަށް ފައިސާ ހޯދައިދިނުމަށެވެ.

ބޮލީވުޑަށް ތައާރަފުވުމާއެކު، ޕަލަކަށް ބޮޑު މަޤްބޫލުކަމެއް ލިބި، ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ހިތްގައިމު ލަވަތަކެއް އޭނާ ވަނީ ކިޔައިދީފައެވެ. އެގޮތުން "އެމް.އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ގެ "ކޯން ތުޖޭ" އަކީ އޭގެ އަސަރުގަދަކަމާއި ސާދާކަމުގެ ސަބަބުން ބޮޑު މަޤްބޫލުކަމެއް ހޯދި ލަވައެކެވެ. މީގެ އިތުރުން "އާޝިގީ 2" ގައި އަރިޖީތު ސިންގްއާއެކު ކިޔާފައިވާ "ޗާހޫން މޭ ޔާ ނާ" އަކީ މިހާރުގެ ބޮލީވުޑްގެ އެންމެ މަޝްހޫރު ލޯބީގެ ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ. އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ މަޑުމައިތިރި ލަވަތަކާއި، "ކިކް" ފިލްމުގެ "ޖުމްމޭ ކީ ރާތު" ފަދަ ފޯރިގަދަ ލަވަތަކުން، އޭނާގެ ހުނަރުގެ ތަފާތު ކަންކަން ފެނިގެން ގޮސްފައިވެއެވެ.



މިއުޒިކްގެ އިތުރުން، ޕަލަކް މުޗާލް މުޖުތަމައަށް ކުރާ ހިދުމަތަކީ ބަޔާންކުރަންދަތި މަތިވެރި މަސައްކަތެކެވެ. އޭނާ ވަނީ ފަޤީރު އާއިލާތަކަށް ނިސްބަތްވާ 4،000 އަށްވުރެ ގިނަ ކުދިންގެ ހިތުގެ އޮޕަރޭޝަންތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަސައްކަތުގެ ސަބަބުން އޭނާއަށް ވަނީ ގިނިސް ވޯލްޑް ރެކޯޑުން ވެސް ޖާގަ ލިބިފައެވެ. އޭނާ އުފައްދާފައިވާ "ޕަލަކް ޕަލާޝް ޗެރިޓަބަލް ފައުންޑޭޝަން" މެދުވެރިކޮށް، އުފަންވާއިރު ހުންނަ ހިތުގެ ބަލިތައް ތަހައްމަލުކުރާ ކުދިންނަށް އެހީތެރިވުމަށް ހާއްސަ ކޮންސަޓްތަކެއް ބާއްވަމުން ގެންދެއެވެ. ވޭތުވެދިޔަ ވިހި އަހަރަށްވުރެ ގިނަ ދުވަހު އޭނާ ކުރަމުންދާ މި މަސައްކަތަކީ، އަގުބޮޑު އޮޕަރޭޝަންތައް ކުރެވޭނެ ތަނަވަސްކަން ނެތް އާއިލާތަކަށް އުއްމީދާއި ދިިރިހުރުމުގެ ފުރުސަތު ހޯދައިދޭ މުހިންމު ވަސީލަތެކެވެ.

ޕަލަކް މުޗާލްގެ އިންސާނީ ހިދުމަތުގެތެރޭގައި "ސޭވް ދަ ލިޓްލް ހާޓްސް" ގެ ނަމުގައި ކޮންސަޓްތައް ބާއްވައިގެން ފައިސާގެ އެހީ ގައި 4،000 އަށްވުރެ ގިނަ ކާމިޔާބު އޮޕަރޭޝަންތަށް ކޮށްދީ އަދި އުފަންވާއިރު ހިތުގެ ބަލި ހުންނަ ކުދިންގެ ފުރާނަ ސަލާމަތްކުރަން އިންޑިއާގެ ބެންގަލޫރާއި އިންދޯރް ފަދަ އެކި ސިޓީތަކުގެ ހޮސްޕިޓަލްތަކުގައި ކުރެވޭ އޮޕަރޭޝަންތަކަށް އެހީތެރިވުންވެސް ހިމެނެއެވެ. އޭނާގެ މި މަސައްކަތްތައް ވިކިޕީޑިއާ ފަދަ ވަސީލަތްތަކުގައި ފާހަގަކޮށްފައިވާއިރު، ގިނިސް ވޯލްޑް ރެކޯޑްސް އަދި ލިމްކާ ބުކް އޮފް ރެކޯޑްސްއިން ވަނީ ބަލައިގަނެފައެވެ. މި މަތިވެރި މަސައްކަތް ކުރިއަށް ގެންދިއުމަށް އާންމުންގެ އެހީތެރިކަމަށް އޭނާ އަބަދުވެސް ބާރުއަޅައެވެ.

މިއުޒިކާއި އިންސާނީ ހިދުމަތުގެ އިތުރުން، ޕަލަކް މުޗާލްއަށް ވަނީ ތައުލީމީ ގޮތުން ވެސް ޝަރަފުވެރި އެވޯޑެއް ލިބިފައެވެ. 2021 ވަނަ އަހަރު، ދުނިޔޭގެ ސުލްހައަށާއި ކުޑަކުދިންގެ ހިތުގެ އޮޕަރޭޝަންތަކަށް ފައިސާ ހޯދުމަށް އޭނާ ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އެމެރިކާގެ އެމެރިކަން ޔުނިވާސިޓީން ވަނީ އޭނާއަށް އޮނަރަރީ ޑޮކްޓަރޭޓް އެވޯޑެއް އަރުވާފައެވެ. އޭނާއަކީ މެޑިކަލް ޑޮކްޓަރަކަށް ނުވި ނަމަވެސް، މި ޝަރަފަށްފަހު އޭނާއަށް މުހާތަބު ކުރެވެނީ "ޑރ. ޕަލަކް މުޗާލް" ގެ ނަމުންނެވެ.



ކާމިޔާބީއަކީ ހަމައެކަނި ލަވަތަކަށް ލިބޭ އެވޯޑާއި މަޤްބޫލުކަން ކަމުގައި ބެލެވޭ މި ދާއިރާގައި، ޕަލަކްގެ މަސައްކަތް އޭގެ މާ ދުރަށް ދަތުރުކުރެއެވެ. އޭނާ ސާބިތުކޮށްދީފައިވަނީ މިއުޒިކަކީ އިންސާނުންގެ ދިރިއުޅުން ބަދަލުކޮށްލުމަށް ބޭނުންކުރެވިދާނެ ބާރުގަދަ ވަސީލަތެއް ކަމެވެ. އޭނާގެ ހަޔާތަކީ، މަޝްހޫރުކަމާއި ނުފޫޒު ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ، މުޖުތަމައަށް ދެމިގެންދާނެ ފަދަ ބޮޑު ބަދަލެއް ގެނެވިދާނެކަމުގެ ހެއްކެކެވެ.

ޕަލަކް މުޗާލްގެ ވާހަކައަކީ ހަމައެކަނި ކާމިޔާބު ލަވަކިޔުންތެރިއަކަށް ވުމުގެ ވާހަކައެއް ނޫނެވެ. އެއީ އަމިއްލަ އަޑާއި ހުނަރު ބޭނުންކޮށްގެން، ސްޓޭޖްގެ މަތީގައާއި އެތައް ހާސް ކުދިންގެ ދިރިއުޅުމުގައި އުފާވެރިކަން ގެނެސްދިނުމުގެ މާނަވީ ވާހަކައެކެވެ.



ކިޔުންތެރިންގެ ހިޔާލު