މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް، އެމްޑީޕީގެ އިސްލީޑަރ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޖޯކު ޖެއްސެވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ފަޒްނާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މި މައްސަލަ ފެންމަތިވީ، އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ، ގައުމުގެ މަސްލަހަތަށްޓަކައި ސަރުކާރުން މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ކަމަށާއި، އެ ނޫން ގޮތަކަށް މުޒާހަރާތައް ހުއްޓައިނުލާނެ ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅު މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން، ރައީސް ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ އިންސްޓަގްރާމްގައި "ލޮލް" ޖައްސަވައި، އެކަމަށް ޖޯކު ޖައްސަވައިފައެވެ.

ފަޒްނާގެ މި މަލާމާތަށް ރައްދު ދެއްވަމުން، އެކްސްގައި އިންތި ވިދާޅުވީ، ރައީސް ނަޝީދު މީގެ ކުރިން މަޝްވަރާއަށް މޭޒުދޮށަށް ގޮވާލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ކަމަށެވެ.

އަދި އެ ފަހަރުގެ އެ ގޮވާލެއްވުން ނިމިގެންދިޔައީ ”ލޮލް“ އަކުން ނޫން ކަމަށާއި، އެއީ ގައުމަށް އައި ވަރުގަދަ އިންގިލާބީ ބަދަލެއްގެ ފެށުން ކަމަށް އިންތި ފާހަގަކުރެއްވިއެވެ.



އޭގެ އިތުރުން އިންތި ވިދާޅުވީ، އެ ދުވަހުގެ އެ ގޮވާލެއްވުމާއި، އެގޮވާލެއްވުމުން އުފެދުނު އިސްލާހީ މަސައްކަތުން ގައުމު ބަދަލުވިގޮތާ މެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. އަދި އެއީ ރާއްޖެއަށް ޑިމޮކްރަސީއާއި އިސްލާހީ ބަދަލުތައް ގެނައުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އިންތި މިހެން ވިދާޅުވެފައިވާއިރު، މަޝްވަރާއަށް ރައީސް ނަޝީދު ދެއްވި ދައުވަތާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން، ރައީސް ނަޝީދު ހުށަހެޅުއްވި މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ވަނީ ސީދާކޮށް އިންކާރު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު