އުމުރުން ދުވަސްވީ މީހެއް ނިދަނީ
އުމުރުން ދުވަސްވީ މީހެއް ނިދަނީ
އުމުރުން ދުވަސްވީ މީހުން ދުވާލުގެ ވަގުތުތަކުގައި، ހާއްސަކޮށް ހެނދުނު ވަގުތު މާ ގިނައިރު ނިދުމަކީ ސިއްހީ ސީރިއަސް މައްސަލަތަކެއް ހުރިކަމުގެ ނިޝާނަކަށް ވެދާނެ ކަމަށް އެމެރިކާގެ މަސް ޖެނެރަލް ބްރިގަމްގެ ޑޮކްޓަރުން އިންޒާރު ދީފިއެވެ.

ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން އެމެރިކާގެ މާސް ޖެނެރަލް ބްރިގަމް ހޮސްޕިޓަލުން އިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި، މާގިނައިރު ނިދުމާއި، ވަކިން ހާއްސަކޮށް ހެނދުނު ވަގުތުތަކުގައި ނިދުމަކީ މަރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެކެވެ. މި ހޯދުންތަކުގެ ސަބަބުން، ސިއްހީ ހާލަތު ދެނެގަތުމަށާއި ސިއްހީހާލަތު ދަށަށްދިއުން ހުއްޓުވުމަށް ފުރުސަތު ފަހިވެގެންދެއެވެ.

އާ ދިރާސާތަކުން ހާމަވާ ގޮތުގައި، އުމުރުން ދުވަސްވަމުންދާއިރު، ދުވާލު ނިދުމަކީ ހަށިގަނޑުގެ އެތެރޭގެ ސިއްހީ މައްސަލަތަކުގެ ނުވަތަ ސިއްހަތު ދަށަށްދާކަމުގެ ފާހަގަކުރަން ފަސޭހަ ނިޝާނަކަށް ވެދާނެއެވެ. މާސް ޖެނެރަލް ބްރިގަމް އަދި ރަޝް ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގެ ތަހުގީގު ކުރާ ފަރާތްތަކުން ވަނީ 1,338 ދޮށީ އުމުރުގެ މީހުން، 19 އަހަރަށްވުރެ ދިގު މުއްދަތަކަށް ބަލައި، އެމީހުންގެ ނިދުމުގެ އާދަތަކާއި މަރުވުމުގެ ރޭޓާ ހުރި ގުޅުން ދިރާސާކޮށްފައެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ގިނައިރު ނިދުމާއި، ގިނަގިނައިން ނިދުމާއި، އަދި ހެނދުނު ވަގުތު ނިދުމަކީ މަރުވުމުގެ ނިސްބަތް މަތިވުމާ ގުޅިފައިވާ ކަންކަމެވެ. މި ހޯދުންތައް ޝާއިއުކޮށްފައިވަނީ 'ޖާމާ ނެޓްވޯކް އޯޕަން' މަޖައްލާގައެވެ.

"އުމުރުގެ ފަހުކޮޅުގައި މާގިނައިރު ނިދުމަކީ ސިކުނޑީގެ ނާރުތައް ބަލިވުމާއި، ހިތުގެ ބަލިތަކާއި، އަދި ބަލިބަލީގައި އުޅެންޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމަށް ކުރިންވެސް ވަނީ ފާހަގަކުރެވިފައި. ނަމަވެސް އެ ހޯދުންތަކުގެ ބޮޑުބަޔަކީ މީހުން އަމިއްލައަށް ދީފައިވާ މައުލޫމާތަށް ބިނާވެފައިވާ ކަންކަން،" ދިރާސާގެ އިސް މުސައްނިފު ޑރ. ޗެންލޫ ގާއޯ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ދިރާސާއަކީ މީހުންގެ ނިދުމުގެ އާދަތައް ސީދާ އާލާތްތައް ބޭނުންކޮށްގެން ދެނެގަނެ، އެކަމާއި މަރުވުމުގެ ރޭޓާ ހުރި ގުޅުން ދެއްކި ފުރަތަމަ ދިރާސާތަކުގެ ތެރެއިން އެކެކެވެ. މީގެ ސަބަބުން ބަލިތައް ކުރިއާލާ ދެނެގަތުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ދޮށީ އުމުރުގެ މީހުންގެ ތެރެއިން 20 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން ދުވާލު ނިދާ އުޅެއެވެ. މަދު ފަހަރަކު ނިދާލުމުން ހަށިގަނޑަށް ތާޒާކަން ލިބުނު ކަމުގައިވިޔަސް، މާގިނައިރު ދުވާލު ނިދުމަކީ ސިއްހީ ގިނަ މައްސަލަތަކަކާ ގުޅިފައިވާ ކަމެކެވެ.

މި ދިރާސާ ކުރުމަށްޓަކައި، 1997 ވަނަ އަހަރު ފެށި 'ރަޝް މެމޮރީ އެންޑް އޭޖިންގ ޕްރޮޖެކްޓް' ގެ މައުލޫމާތު ބޭނުންކޮށްފައިވާއިރު، 2005 ވަނަ އަހަރުން ފެށިގެން، ދިރާސާގައި ބައިވެރިވި މީހުން 10 ދުވަހުގެ މުއްދަތަށް އަތުގައި އަޅާ އާލާތެއް (wrist activity monitors) ބޭނުންކޮށްގެން އެމީހުންގެ ހަރަކާތްތަކާއި ނިދުމުގެ އާދަތައް ވަނީ ބަލާފައެވެ.

އެގޮތުން މިދިރާސާގައި 2025 ވަނަ އަހަރާ ހަމައަށް 1,338 މީހުންގެ ފަރާތުން 19 އަހަރުގެ މައުލޫމާތު އެއްކުރެވުނެވެ. އަދި މި މައުލޫމާތުތައް ދިރާސާކުރިއިރު، ދުވާލަކު އިތުރުވާ ކޮންމެ އެއް ގަޑިއިރުގެ ނިދުމަކަށް، މަރުވުމުގެ ނިސްބަތް 13 އިންސައްތަ އިތުރުވާ ކަމަށްވަނީ ހާމަވެފައެވެ. އަދި ދުވާލެއްގައި ނިދާ ކޮންމެ އިތުރު ފަހަރަކަށް، މަރުވުމުގެ ފުރުސަތު 7 އިންސައްތަ އިތުރުވާއިރު، މެންދުރުފަހު ނިދާ މީހުންނަށްވުރެ ހެނދުނު ނިދާ މީހުން މަރުވުމުގެ ފުރުސަތު 30 އިންސައްތަ އިތުރުވެއެވެ.

"މިއީ އެކަމުގެ ސަބަބުން އަނެއްކަން މެދުވެރިވާ ގުޅުމެއް (causation) ނޫން، އެކަމަކު އެކަކަށް އަނެކަކާ ހުރި ގުޅުމެއް (correlation). މާގިނައިރު ނިދުމަކީ ހަށިގަނޑުގައި ހުރި އެހެން ބައްޔެއްގެ ނުވަތަ ނިދުމުގެ ނިޒާމަށް އައިސްފައިވާ ބަދަލެއްގެ ނިޝާނަކަށް ވެދާނެ،" ޑރ. ޗެންލޫ ގާއޯ ވިދާޅުވިއެވެ.

1,338 މީހުން ބައިވެރިވި މި ދިރާސާއިން ދެއްކި ގޮތުގައި، ދުވާލު ގިނައިރު ނިދުމާއި، ވަކިން ހާއްސަކޮށް ހެނދުނު ވަގުތު ނިދުމަކީ އުމުރުން ދުވަސްވީ މީހުންގެ މަރުވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން، ސިއްހީ މައްސަލަތައް ކުރިއާލާ ދެނެގަތުމަށްޓަކައި، ނިދުމުގެ އާދަތައް ބެލުމުގެ މުހިންމުކަން މިވަނީ ހާމަވެފައެވެ.

ޑޮކްޓަރުން ލަފާދޭ ގޮތުގައި ދުވާލު ވަގުތު ނިދާނަމަ، އެންމެ ރަނގަޅީ 15 މިނެޓާއި 20 މިނެޓާ ދެމެދުގެ ވަގުތަކަށް ނިދުމެވެ. އަދި އެއް ގަޑިއިރަށްވުރެ ގިނައިރު ނުނިދުމަށާއި، މެންދުރުފަހު 2 ނުވަތަ 3 ޖެހުމުގެ ކުރިން ނިދި ފުރިހަމަކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި އަތުގައި އަޅާ ޑިޖިޓަލް އާލާތްތައް ބޭނުންކޮށްގެން ނިދުމުގެ އާދަތައް މޮނިޓަރ ކުރުމަކީވެސް ސިއްހީ ގޮތުން މުހިންމު ކަމެއްކަން ޑޮކްޓަރުން ލަފާދެއްވައެވެ.

މިގޮތަށް ކުރުކޮށް ނިދާލުމަކީ ހަށިގަނޑަށް ތާޒާކަން ލިބޭނެ ކަމެއް ނަމަވެސް، މާ ގިނައިރު ނިދުމަކީ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް