ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތް މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މި މުނާސަބަތާ ގުޅިގެން ކަންގަނާ ވަނީ އޭނާގެ ފުރަތަމަ ފިލްމު ކުޅުމުގެ ފުރުސަތު ލިބުމަށް މެދުވެރިވި ފޮޓޯތަކެއް އާންމުންނާ ހިއްސާކޮށްފައެވެ.

އަންގާރަ ދުވަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި މި ފޮޓޯތަކަކީ އޭނާގެ އެންމެ ފުރަތަމަ ޕޯޓްފޯލިއޯ އެވެ. މި ފޮޓޯތައް ނަގައިދީފައިވަނީ މަޝްހޫރު ފޮޓޯގްރާފަރު ޖަތިން ކަމްޕާނީއެވެ. ކަންގަނާ ހާމަކުރި ގޮތުގައި އޭނާގެ ފުރަތަމަ ފިލްމު "ގޭންގްސްޓަރ" އިން 'ސިމްރަން' ގެ ރޯލު ލިބުނީ މި ޕޯޓްފޯލިއޯގެ ސަބަބުންނެވެ. "ގޭންގްސްޓަރ" ރިލީޒްވިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އޭނާ ވަނީ ފުރަތަމަ ފަހަރަށް މަޖައްލާއަކަށް ނަގައިދިން ފޮޓޯއެއް ވެސް އާންމުކޮށްފައެވެ.

2006 ވަނަ އަހަރު ނުކުތް ރޮމެންޓިކް ތުރިލާ "ގޭންގްސްޓަރ" އަކީ އަނޫރާގް ބާސޫ ޑައިރެކްޓްކޮށް، މަހޭޝް ބަޓް އަދި މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސްއިން އުފެއްދި ފިލްމެކެވެ. މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދިޔައީ ކަންގަނާގެ އިތުރުން އިމްރާން ހާޝްމީ އާއި ޝައިނީ އަހޫޖާއެވެ. މި ފިލްމުގެ މިއުޒިކް ތައްޔާރުކުރީ ޕްރީތަމް އެވެ. އަދި ފިލްމުގެ ސިނަމަޓޯގްރަފީ ބޮބީ ސިންގް ހެދިއިރު، އެޑިޓިންގެ މަސައްކަތް ކުރީ އަކީވް އަލީއެވެ.

ފުރަތަމަ ފިލްމުން ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު، ކަންގަނާ ވަނީ "ވޯ ލަމްހޭ" (2006)، "ލައިފް އިން އަ މެޓްރޯ" (2007)، "ފެޝަން" (2008)، "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް" (2009) އަދި "ވަންސް އަޕޮން އޭ ޓައިމް އިން މުމްބާއީ" (2010) ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

ކަންގަނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވުނު އެއް ފިލްމަކީ 2011 ވަނަ އަހަރު އާރް. މާދަވަންއާއެކު ކުޅުނު "ޓަނޫ ވެޑްސް މަނޫ" އެވެ. އޭނާގެ މޮޅު އެކްޓިންގެ ސަބަބުން 2014 ވަނަ އަހަރު "ކުއީން" އަދި 2015 ވަނަ އަހަރު "ޓަނޫ ވެޑްސް މަނޫ ރިޓާންސް" އިން ޖެހިޖެހިގެން ދެ ފަހަރު އެންމެ މޮޅު ބަތަލާގެ ނެޝަނަލް ފިލްމް އެވޯޑް ހޯދާފައިވެއެވެ.

ފަހުގެ އަހަރުތަކުގައި އޭނާ ވަނީ "މަނިކަރްނިކާ" (2019) އަދި "ޕަންގާ" (2020) ފަދަ ފިލްމުތަކުގައި އިސް ރޯލު އަދާކޮށްފައެވެ. އެންމެ ފަހުން އޭނާ ފެނިގެންދިޔައީ 2025 ވަނަ އަހަރު އަމިއްލައަށް ޑައިރެކްޓްކޮށް ނެރުނު ފިލްމު "އިމަޖެންސީ" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު