ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް-
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް-
މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒު ނުވެ، މަސައްކަތްތެރިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ނުވާތީ، އެކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ހުށަހަޅައިފި އެވެ.

މި ސިޓީ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ، 2003 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމްއިއްޔާ (އައިއެލްއޯ) އިން އިސްނަގައިގެން ފާހަގަކުރާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހަތުގެ ދުނިޔޭގެ ދުވަސް ކަމަށެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓްތަކާއި، މަސައްކަތުގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ދައުލަތާއި، ވަޒީފާދޭ ފަރާތްތަކާއި މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުން، ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތައް އެކުލަވާލައި ހިންގުމަކީ ކަމާބެހޭ މިނިސްޓަރުގެ ލަފާގެ މަތިން އޮތޯރިޓީން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިހާތަނަށް އެކުލަވާލާފައިވަނީ އެންމެ ގަވާއިދެއް ކަމަށާއި، އެ ގަވާއިދާ ގުޅިގެންވެސް ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާތީ، އެ އިސްލާހުކޮށް ގެޒެޓްކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ނުރައްކާތެރި ހާލަތްތަކުގައި ފިޔަވަޅު އަޅާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް ނުނިމި އޮތުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް،" ކުޑޫގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ މިންގަނޑުތައް ޑިރެކްޓަރ ޖެނެރަލް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންޖެހޭއިރު، މިއަދާ ހަމައަށްވެސް އެކަން ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، މި މަސައްކަތްތަކުގެ ޒިންމާ އުފުލަންޖެހޭ 'ޑައިރެކްޓަރ ޖެނެރަލް އޮފް ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް' (މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް) އާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީ މަޖިލީހަށް ހާޒިރުކޮށް، މި މަސައްކަތްތައް ލަސްވާ ސަބަބު ސާފުކޮށްދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.

މެންބަރު ކުޑޫ އިތުރަށް ވިދާޅުވީ، 2024 އޭޕްރީލްގައި އަމަލުކުރަން ފެށި މި ގާނޫނަށް ދެ އަހަރު ވެގެންދާއިރު، ގާނޫނުގައި ބަޔާންކުރާ މުހިއްމު މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނުނިމުމަކީ ސަރުކާރުގެ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު