އެމްޑީޕީގެ ގައުމީ މަޖިލިސް ގަބޫލުނަމަ، ޕާޓީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ބާއްވަން ނިންމާފައި ވަނީ ޖޫން މަހުގެ 12 ގައެވެ.

ނަމަވެސް ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބުމާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުރި ގޮންޖެހުންތަކުގެ އިތުރުން ޕާޓީގެ މަސްލަހަތަށް ރިއާޔަތްކުރައްވައި، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ހުށަހަޅުއްވާފައެވެ.

މި ހުށަހެޅުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވަނީ، ޕާޓީގެ އިސް ލީޑަރުންނާއި ގައުމީ މަޖިލީހުން އެދޭނަމަ، ރިޔާސީ ޕްރައިމަރީއާ ހަމައަށް ޕާޓީގެ ހިންގުމާ ވަގުތީ ޗެއާޕާސަނަކު ހަވާލުވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މި ޚިޔާލަށް ތާއީދުކުރައްވަމުން ރައީސް މުހައްމަދު ނަޝީދު ވަނީ، ގައުމީ މަޖިލީހުގެ ރުހުން އޮތްނަމަ ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.

"ގައުމީ މަޖިލީހުން ގަބޫލުނަމަ، ވަގުތީ ޗެއާކަން ކުރުމަށް އަޅުގަނޑުގެ އިއުތިރާޒެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ޗެއާޕާސަންގެ މަގާމަށް މިހާރު ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި ރައީސް ނަޝީދެވެ. މީގެ ކުރިން މި މަގާމަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވި އަލްހާން ފަހުމީ ވަނީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާފައެވެ.

އިންތިޚާބުގެ ވާދަވެރިކަން ޕާޓީގެ އެތެރޭގައި އިތުރުވެފައިވާއިރު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ "ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ވެސް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު