އަންދްރަޕްރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަދި މަޝްހޫރު ފިލްމީ ތަރި ޕަވަން ކަލްޔާންގެ ސިއްހީ ހާލަތު ހުރިގޮތުން، އޭނާގެ ކޮނޑަށް ލިބިފައިވާ އަނިޔާއަކަށް އިތުރު ސާޖަރީއެއް ކުރަންޖެހިދާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު، އަންދްރަޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން. ޗަންދްރަބާބޫ ނައިޑޫ ވަނީ ހައިދަރުއާބާދުގެ ޖޫބިލީ ހިލްސްގައި ހުންނަ ޕަވަން ކަލްޔާންގެ ގެއަށް ޒިޔާރަތްކުރައްވައި، އޭނާގެ ހާލު ބައްލަވާލައްވާފައެވެ. މި ބައްދަލުވުމުގައި ޕަވަން ކަލްޔާން ވަނީ ދާދިފަހުން އޭނާ ކުރި ސާޖަރީގެ ތަފްސީލާއި، މިހާރުގެ ސިއްހީ ހާލަތު ޗީފް މިނިސްޓަރާ ހިއްސާކުރައްވާފައެވެ.

ޕަވަން ކަލްޔާން ހާމަކުރެއްވި ގޮތުގައި، އޭނާ އެންމެ ފުރަތަމަ ހީކުރީ އެއީ އާދައިގެ ސައިނަސް މައްސަލައެއް ކަމަށެވެ. ނަމަވެސް، ފަހުން އެ އިންފެކްޝަން ފެތުރި، ލޮލަށް އޭގެ އަސަރުކުރުމާ ގުޅިގެން "ފަންކްޝަނަލް އެންޑޯސްކޯޕިކް ސައިނަސް ސާޖަރީ" އެއް ކުރަން މަޖުބޫރުވީއެވެ. މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ކުރި މި ސާޖަރީއަށްފަހު، ނޭފަތުން ކޮންމެވެސް ވަރަކަށް ލޭ އައުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަން ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފިލްމީ މަސައްކަތުގެ ތެރޭގައި އެކްޝަން މަންޒަރުތައް ކުޅުމުގެ ތެރޭގައި ކުރިން ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުން މިހާރު އުނދަގޫތަކެއް ކުރިމަތިވަމުންދާކަން ޕަވަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ކޮނޑުގެ "ރޮޓޭޓަރ ކަފް" އަށް ލިބިފައިވާ އަނިޔާއަށް އޭރު އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން މައްސަލަ ބޮޑުވެފައިވާ ކަމަށާއި، އެކަމަށް ފަރުވާ ހޯދުމަށް އިތުރު ސާޖަރީއެއް ކުރަންޖެހިދާނެ ކަމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

ޖަނަސޭނާ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި މަސްތަކުގައި ޕަވަން ކަލްޔާން ސިއްހީ ބައެއް މައްސަލަތައް ތަހައްމަލު ކުރަމުންދިޔަ ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރޭގައި ބޮޑެތި އުނދަގޫތަކެއް އިހުސާސް ކުރެވިގެން، ޑޮކްޓަރުންގެ ލަފާގެ މަތިން ހޮސްޕިޓަލަށް ދެއްކުމުން އެމް.އާރް.އައި ސްކޭން ހެދުމަށްފަހު ސާޖަރީ ކުރުމަށް ނިންމީ ކަމަށެވެ.

ޗީފް މިނިސްޓަރު ޗަންދްރަބާބޫ ނައިޑޫ ވަނީ ޕަވަން ކަލްޔާންގެ ސިއްހީ ހާލަތަށް އިސްކަންދިނުމަށާއި، ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަރާމުކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އޭނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. ސާޖަރީއަށްފަހު ހަތް ދުވަހާއި ދިހަ ދުވަހާ ދެމެދުގެ މުއްދަތަކަށް އަރާމުކުރުމަށް ޑޮކްޓަރުން ވަނީ ޕަވަން ކަލްޔާނަށް ލަފާދީފައެވެ.



ކިޔުންތެރިންގެ ހިޔާލު