މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މާލީ ނިޒާމުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، ކުރީގެ ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އެމްއެމްއޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ރިޕޯޓުގެ ބޭރުފުށުން ހުރިހާ ކަމެއް ސާފުކަމަށް ލިޔެފައި އޮތް ނަމަވެސް، ރިޕޯޓުގެ ތަފްސީލުން ފެންނަ ހަގީގަތަކީ އެ އޮތޯރިޓީގެ އަހަރުގެ ފައިދާ 40 އިންސައްތަ ދަށަށް ގޮސްފައިވާ ކަމެވެ. އަދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދެއްކުމަށް ދައުލަތުގެ މާލިއްޔަތު ތައްޔާރަށް އޮތް ކަމަށް ނުފެންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމްއެމްއޭގެ މިލްކިއްޔާތުގެ 42 އިންސައްތައަކީ ސަރުކާރުގެ ބޮންޑު ކަމަށާއި، އާންމުންގެ 9.5 ބިލިއަން ރުފިޔާގެ ޑިޕޮސިޓްތަކަށް ރައްކާތެރިކަން ދިނުމަށް ހުރީ އެންމެ 68،000 ރުފިޔާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.



"ބަނގުރޫޓު ނުވެ އޮތްކަމަށް ފެނުމަކީ ރައްކާތެރިކަން ކަށަވަރުވުމެއް ނޫން. ރާއްޖޭގެ މަރުކަޒީ ބޭންކުގެ ހިންގުން ހަރުދަނާވާންޖެހޭކަން މި ރިޕޯޓުން އެނގެއެވެ،" ޒަރިޔަންދު ވިދާޅުވިއެވެ.



ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ދަރަނީގެ މައްޗަށް ދަރަނި ނެގުމުގެ ދަތިކަމާއި، ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމުގެ ފުރުސަތު ހަނިވަމުން ދިއުމަކީ މާލީ އިތުބާރު ގެއްލެމުންދާ ކަމުގެ ސާފު ނިޝާނެއް ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން އުފެދޭ މާލީ ނުރައްކާތަކަށް އަޅާނުލުމަކީ ހިންގުންތެރިކަމުގެ ބޮޑު މައްސަލައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޒަރިޔަންދު ވަނީ މިހާރުން މިހާރަށް މާލީ އުސޫލުތައް ހަރުދަނާ ނުކޮށްފިނަމަ، މާލީ ގޮތުން "ފިތި ޗަސްވުމާ" ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު