އިންޑިއާގެ ޕޫނޭގައި އުމުރުން އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާ މަރާލި މައްސަލަ މަޝްހޫރު ފިލްމީ ތަރި އަރްބާޒް ޚާން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން މީޑިއާއާ ވާހަކަދައްކަމުން އަރްބާޒް ބުނީ، ގައުމުގެ ގާނޫނާއި ނިޒާމު މިއަށްވުރެ ވަރުގަދަވާންޖެހޭ ކަމަށާއި، މިފަދަ ނުރައްކާތެރި ކުށްތަައް ކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ މީހުންނަށް ގާނޫނުގެ ތެރެއިން އެއްވެސް މާފެއް އޮވެގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ޕޫނޭގެ އަވަށެއްގައި ހިނގި މި ހިތާމަވެރި ހާދިސާގައި، ކުއްޖާ މަރާލި ކަމުގެ ތުހުމަތު ކުރެވެނީ އެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުގެ ފިރިހެނަކަށެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ ކުއްޖާ ގެއްލިގެން ހޯދަނިކޮށް، ސީސީޓީވީ ފުޓޭޖުން ވަނީ ތުހުމަތު ކުރެވޭ މީހާއާއެކު ކުއްޖާ ދަނިކޮށް ފެނިފައެވެ.

މި މީހާއަކީ މީގެ ކުރިންވެސް މިފަދަ ދެ މައްސަލައެއްގެ ރެކޯޑް އޮތް މީހެއް ކަމަށް ޕޫނޭގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަންދީޕް ސިންގް ގިލް ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ ވެސް ވަނީ މިއީ ވަރަށް ހިތާމަވެރި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޝިންޑޭ ވިދާޅުވި ގޮތުގައި، މިފަދަ އިހާނެތި ކުށްތައް ތަކުރާރުކުރާ މީހުން ދުނިޔޭގައި ދިރިތިބުމުގެ އެއްވެސް ހައްގެއް ނެތް ކަމަށާއި، އެމީހުންނަށް ދޭންޖެހޭނީ މަރުގެ އަދަބެވެ.



ކިޔުންތެރިންގެ ހިޔާލު