ކުޑަކުދިންނަށް އޯގާތެރިކަމާއެކު އަޅާލައި، އެކުދިންނަށް ހިމާޔަތް ދެމުންދާހާ ހިނދަކު ގައުމުގެ ކުރިމަގަށް ކުރާ އުންމީދުތައް ދާނީ ހަގީގަތަކަށް ވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މި މެސެޖުގައި މެޑަމް ސާޖިދާ ވިދާޅުވީ، ހެޔޮލަފާ ދަރިންތަކެއް ހެދި ބޮޑުވަމުންދާ ގައުމެއްގެ މުސްތަގުބަލާ މެދު މާޔޫސްވާން ނުޖެހޭނެ ކަމަށެވެ.

އަދި ރާއްޖޭގެ ލޮބުވެތި ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް މި އުފާވެރި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެކަމަނާ ވަނީ ފޮނުއްވާފައެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. "އާއިލީ ހަމަޖެހުން، ކުދިންގެ ދުޅަހެޔޮކަން" މިއީ މިއަހަރުގެ ކުޑަކުދިންގެ ދުވަހަށް ކަނޑައަޅާފައިވާ ޚާއްޞަ ޝިޢާރެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ކުޑަކުދިންނަށް ދޭންޖެހޭ ލޯތްބާއި، އޯގާތެރިކަމާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު އެއް އަސާސްކަން ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު