މޯލްޑިވިއަންގެ ބޯޓެއް-
މޯލްޑިވިއަންގެ ބޯޓެއް-
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތަކަށް އެންމެ ފުރިހަމައަށް ޢަމަލުކުރާ ކުންފުންޏަކަށް ޤައުމީ އެއަރލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ހޮވިއްޖެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކުރި "ކޯޕަރޭޓް ގަވަނަންސް ރިވިއު 2025" ގައި، ދައުލަތް ހިއްސާވާ 21 ކުންފުންޏެއްގެ ހިންގުމާއި ގަވަނަންސްގެ ކަންކަން ވަޒަންކޮށްފައިވެއެވެ. މި ރިޕޯޓުގައި އައިއޭއެސްއެލް އެއްވަނަ ހާސިލުކުރީ 98 އިންސައްތައިގެ ސްކޯއަކާއެކުގައެވެ.

މި ރިވިއުގައި ދެވަނައަށް އެންމެ މަތީ ނަތީޖާއެއް ހޯދީ 97 އިންސައްތައާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. ތިންވަނައިގައި 93 އިންސައްތައާއެކު އާސަންދަ ކުންފުނި އޮތްއިރު، ހަތަރުވަނައިގައި އޮތީ 90 އިންސައްތަ ހޯދި މިންޑްކޯއެވެ. ފަސްވަނައިގައި 89 އިންސައްތައާއެކު އެމްޑަބްލިޔުއެސްސީ، ހަވަނައިގައި 88 އިންސައްތައާއެކު ސްޓެލްކޯ، އަދި ހަތްވަނައިގައި 87 އިންސައްތައާއެކު މޯލްޑިވްސް ޕޯސްޓް ހިމެނެއެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސްއާއި އެމްއޭސީއެލްއަށް 85 އިންސައްތަ ލިބިގެން އަށްވަނަ އާއި ނުވަވަނައިގައި އޮތްއިރު، ދިހަވަނައިގައި އޮތީ 84 އިންސައްތަ ހޯދި މިފްކޯއެވެ.

ރިޕޯޓުގައި ހިމެނޭ 21 ކުންފުނީގެ ތެރެއިން 11 ކުންފުންޏަކުން ވަނީ 75 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދައިފައެވެ. ނަމަވެސް ޕީސީބީން ވަނީ، ކުންފުނިތައް ހިންގުމުގައި އިތުރަށް ރަނގަޅުކުރަންޖެހޭ މުހިންމު ކަންތައްތަކެއް އަދިވެސް ހުރިކަން ހާމަކޮށްފައެވެ.

އެގޮތުން، 21 ކުންފުނީގެ ތެރެއިން 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އެކުލަވާލާފައިވަނީ އެންމެ 12 ކުންފުނިން ކަމަށްވާއިރު، ޝަރުތު ހަމަވާ ޗީފް ފައިނޭންޝަލް އޮފިސަރުން ތިބީ 16 ކުންފުނީގައެވެ. މީގެ އިތުރުން ނުވަ ކުންފުންޏެއްގެ ޖުމްލަ 19 އޮޑިޓެއް ނުނިމި ހުރިކަމާއި، ކުންފުނިތަކުގެ ވެބްސައިޓްތަކުގެ ޓްރާންސްޕޭރެންސީ އެވްރެޖްކޮށް ހުރީ އެންމެ 45 އިންސައްތައިގައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުންފުނި އުފެދުނީއްސުރެ މިހާތަނަށް އަހަރީ އާންމު ޖަލްސާއެއް (އޭޖީއެމް) ބާއްވާފައި ނުވާ ދެ ކުންފުންޏެއް އޮތްއިރު، ހަތް ކުންފުންޏެއްގައި އަހަރީ ޕްލޭނެއް އެކުލަވާލެވިފައި ނެތްކަން ވެސް ޕީސީބީގެ ރިޕޯޓުން ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު