ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިންވެސްޓްމަންޓްތަކަށް ޚާއްސަކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އުފައްދާފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަރޫނީ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާ ހަވާލާދީ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

އަރޫނީ ގޫނަތިލަކައަކީ ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ހާވާޑް ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރައްވާފައިވާ އަރޫނީ ވަނީ ބައިނަލްއަޤްވާމީ ބޭންކުތަކުގެ ކޯޕަރޭޓް ބޭންކިން، ކްރެޑިޓް ރިސްކް މެނޭޖްމަންޓް އަދި އިންޓާނަލް އޮޑިޓިންގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޑީބީއެމްގެ ޗެއާޕާސަން މަގާމުން ވަކިވެވަޑައިގެންފައި މިވަނީ އެ ބޭންކުގެ ހިންގުމާ މެދު ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައި މި ބޭންކު އިފުތިތާހުކޮށް، މިއަހަރުގެ ޖެނުއަރީ މަހު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް، މިހާތަނަށް އަމަލީ ގޮތުން އެއްވެސް ޚިދުމަތެއް ފެށިފައެއް ނުވެއެވެ.

މީގެއިތުރުން، އެންމެ ފަހުން އާންމުކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، ޚިދުމަތް ނުފެށި އޮތް ނަމަވެސް ބޭންކަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު