ރަސްމާލެ ފަރަށް އެރި ދޯނި، ފޮޓޯ: އެމްއެންޑީއެފް
ރަސްމާލެ ފަރަށް އެރި ދޯނި، ފޮޓޯ: އެމްއެންޑީއެފް
ވ. އަތޮޅުން މާލެއަށް ދަތުރުކުރި ދޯންޏެއް ރަސްމާލޭގެ ފަރަށް އަރައި، އެ ދޯނީގެ ފަޅުވެރިއަކަށް އަނިޔާއެއް ވެއްޖެއެވެ.

ވ. ފޮއްތެޔޮއިން ފުރައިގެން ދަތުރުކުރި "ކީސާ" ނަމަކަށް ކިޔާ މި ދޯނި އަރާފައިވަނީ ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއަށް ލިބިފައިވަނީ ނޮވެންބަރު 10ވަނަ ދުވަހުގެ ރޭ 23:51 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑުގެ ސިފައިންނާއި ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

މިގޮތުން، ރޭ ދަންވަރު 02:37 ހާއިރު ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ފަރަށް އެރި ދޯނި އޮތް ސަރަހައްދަށް ގޮސް، އޭގައި ތިބި ދިވެއްސަކާއި ތިން ބިދޭސީން ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގައި، ސަލާމަތްތެރިކަމާ އެކު އެހީތެރިކަން ދީފައެވެ.

އޭގެ ފަހުން، އެ ދޯނީގެ ވެރިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި ރޭ ފަތިހު 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، ސަލާމަތްކުރެވުނު ހުރިހާ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.

އަދި މި ހާދިސާގައި ފަޔަށް އަނިޔާވި ބިދޭސީ މީހާ އިތުރު ފަރުވާއަށް ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު