ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުންގެ މުސާރަ "ޕޭ ހާމަނައިޒް" ކުރުމުގެ ތެރޭގައި ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށާއި، މި މަހުން ފެށިގެން އެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ​ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުސާރަ އެއްހަމަކުރުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ކުރިއަށް ގެންދިޔައިރު، ބައެއް ދާއިރާތަކުގެ މުވައްޒަފުންނަށް އެދެވޭ ބަދަލެއް ނައިސް، އަދި ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެޗް.އާރް ދާއިރާގެ މުވައްޒަފުން ލީގަލް (ޤާނޫނީ) ދާއިރާގެ މުވައްޒަފުންގެ އިތުރުން​ކައުންސިލްތަކުގެ ބައެއް މަޤާމުތަކުގައި ތިބި މުވައްޒަފުންކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަހަރު މުސާރަ ލިބޭއިރު، އިރާދަކުރެއްވިއްޔާ ޖުމްލަކޮށް މިހެން ވަކިވަކި އިންޑިވިޖުއަލް ކޭސަސް ނުހުންނާނެ ވާހަކައެއް ނޫން، އެކަމަކު ޖުމްލަކޮށް މިކަހަލަ ޕޭމަންޓް ނުވަތަ މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ. އެގޮތަށް ހުރި މުސާރަ ބޮޑުނުވާ ބައެއް ފަރާތްތަކަށް ހުރީ އެއްވަރުކޮށްދީފައި، އެކަމަކު މުސާރަ ބޮޑެއް ނުވޭ. ދެން މިއީ އެކި ޒަމާންތަކެއްގައި އެކި ގޮތްގޮތަށް ހުރި ސްޓްރަކްޗަރތައް ހާމަނައިޒް ކޮށްލާއިރުގައި ދިމާވެފައި ހުރި މައްސަލަ. އެހެންނަމަވެސް އެ މައްސަލަތައް ހައްލުވެ، އިރާދަކުރެއްވިއްޔާ މި މަހު މުސާރަ ދޭއިރުގައި، އަޅުގަނޑަށް މިއަދު ހެނދުނު ޔަގީންކަން ދެއްވި ޕޭ ކޮމިޝަނުން، އެ މައްސަލަތައް އޮންނާނީ ހައްލުވެފައި، މުސާރަ ހަމަ ބޮޑުވެފައި ކުރިއަށްވުރެ މައްޗަށް ގޮސްފައި." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

​މީގެ އިތުރުން، ވަޒީފާގައި ގިނަ ދުވަސްވުމުގެ ސަބަބުން ނުވަތަ އެހެނިހެން ޚާއްޞަ ސަބަބުތަކާހުރެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ހައްލު ނުލިބޭ އިންޑިވިޖުއަލް ކޭސްތަކަށްވެސް ވަކި ޕެކޭޖުތަކެއް ނުވަތަ ސޮލިއުޝަންތަކެއް ޕޭ ކޮމިޝަނުން ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ​ރައީސް މުޢިއްޒު ވިދާޅުވީ، މުސާރައިގެ މައްސަލައެއް އޮތް އެއްވެސް މުވައްޒަފަކު ހުރިނަމަ، އެކަން ބަލައި ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށެވެ. މިއީ ސިވިލް ސަރވިސް މުވައްޒަފުންގެ ކުރިއެރުމަށާއި، އެ ފަރާތްތަކަށް ހައްގު މުސާރަ ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު