އެމް.ޑީ.ޕީއަކީ މަރުވެފައި އޮތް ޕާޓީއެއް ކަމަށް ބުނާ ފަރާތްތަކަށް އެމް.ޑީ.ޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް، ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީ މިހާރު އޮތީ މަރުވެފައި ކަމަށާއި ޕާޓީ ވަރުގަދަކުރެވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ހަވާލުކޮށްގެން ކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް "އިތުބާރު" ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ޕާޓީއަށް އައި ހިތްދަތި ދުވަސްތަކަކީ އާންމު މެންބަރުންގެ މަތިން ޕާޓީގެ އިސް ބައެއް ބޭފުޅުން ހަނދާން ނެތުމުގެ ނަތީޖާ ކަމަށެވެ. ނަމަވެސް އެމް.ޑީ.ޕީގެ އާންމު މެންބަރުންނަކީ "ގަރަ ހިތަ" ތަކެެއްނޫން ކަމަށާއި، އެއީ އެއްވެސް ބަޔަކަށް އަޅުވެތި ކުރެވޭނެ ބައެއް ނޫންކަން މިއަދު ސާބިތުވެފައިވާ ކަމަށެވެ.

​"މިއީ މަރުވެފައި އޮތް ޕާޓީއެއް ނޫން. މިއީ ޖޯޝާއި ފޯރީގައި އާ ޒަމާނެއް މި ރާއްޖެއަށް ގެންނާނެ ޕާޓީ. މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މި ރާއްޖޭގެ މުސްތަޤްބަލް،" މީކާއީލް ވިދާޅުވިއެވެ.

​މީގެ އިތުރުން، ދާދި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އެމް.ޑީ.ޕީން ހޯދި ކާމިޔާބީއަށް އަލިއަޅުވާލައްވަމުން މީކާއީލް ވިދާޅުވީ، އެ ކާމިޔާބީއަކީ ސަރުކާރުގެ ބާރާއި މަހުޖަނުންގެ ނުފޫޒާ ދެކޮޅަށް އާންމު މެންބަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ވަޒީފާގެ ބިރު އޮތް ނަމަވެސް، ފެނަކަ ފަދަ މުއައްސަސާތަކުގައި ތިބި ޕާޓީގެ އާންމު މެންބަރުން ދެއްކި ހިތްވަރަކީ އެ ކާމިޔާބީގެ އަސްލު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

​"ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރީ ފަހު ފަސް ދުވަހު ދެތިން ރަށަކަށް ގޮސްގެންނެއް ނޫން. އެއީ 2023 ގެ ރިޔާސީ އިންތިޚާބަށްފަހު ދެވަނަ ދުވަހު މި ހަރުގެއަށް އެއްވެ، އާންމު މެންބަރުން ރުކުރުވާލި ރުކުރުވާލުމުގެ ނަތީޖާ،" މީކާއީލް އިތުރަށް ވިދާޅުވިއެވެ.

​މީކާއީލްގެ ވަނީ އޭނާ އާއި ވާދަވެރި ފަރާތްތަކުން ޕާޓީގެ އާންމު މެންބަރުންނަށް ކުޑައިމީސް ނުކުރުމަށާއި، މި ޕާޓީން ހޯދާފައިވާ ކާމިޔާބީތަކުގެ ތާރީޚު ހަނދުމަފުޅު ނައްތާނުލެއްވުމަށް ގޮވާލައްވާފައެވެެ.

މީގެ އިތުރުން މީކާއީލް ވިދާޅުވީ އެމް.ޑީ.ޕީގެ އެތެރޭގެ އިންތިހާބުތަކަކީ އިންސާފުވެރި އަދި ހަމަހަމަ އިންތިހާބުތަކަކަށް ހެދުމަށްޓަކައި، ޕާޓީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ވަކި ފަރާތަކަށް ނުޖެހޭ "ރެފްރީއެއްގެ" ދައުރު އަދާކުރާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޗެއާޕާސަން ވަކިކޮޅެއް ނެގުމަކީ ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަށްވާނެ ކަމަށެވެ. މީކާއީލް ވިދާޅުވީ އެމް.ޑީ.ޕީން މިހާތަނަށް ހޯދި ހުރިހާ ބޮޑެތި ކާމިޔާބީތަކެއްގެ ސިއްރަކީ މެންބަރުންގެ މަސްލަހަތު އިސްކޮށް، ސަފުތައް ބަދަހިކޮށްގެން މަސައްކަތް ކުރުން ކަމަށެވެ. ވަކިވަކިވެގަތުމުގެ ބަދަލުގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން ނޫނީ 2018 ގައި ލިބުނު ފަދަ ކާމިޔާބީއެއް ދެން ނުލިބޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ޕާޓީގެ އެތެރޭގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވަނީ ވަރަށް ވަރުގަދަ މިސާލެއް ޖައްސަވާފައެވެ.

"މެޗެއް ކުޅެން އަރާއިރު ރެފްރީ ތިމަންނާގެ ޓީމަކީ މީއޭ ބުނެ މެޗަށް އެރީމާ ދެން ވެވޭނީ ކޮން އިންސާފެއްތޯ؟ އެ މެޗުން ކޮން ނަތީޖާއެއްތޯ ގަބޫލުކުރާނީ އެމް.ޑީ.ޕީގެ އާންމު މެންބަރުން؟" މީކާއީލް ސުވާލުކުރެއްވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ ރިޔާސީ ޕްރައިމަރީއަކީ ކުރިއަށް އޮތް ބޮޑު މެޗު ކަމަށާއި، އެ މެޗުގެ ރެފްރީއަކީ ޗެއަރޕާސަން ކަމަށެވެ. ވުމާއެކު، ޗެއަރޕާސަންގެ މަގާމުގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކު އެންޑޯޒް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އޭގެ ސަބަބުން އިންތިޚާބުތަށް ކާމިޔާބުކުރަން ހުރަސް އެޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު