އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު-
އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގައި ގާއިމްކުރައްވަމުން ގެންދަވަނީ ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމެއް ކަމަށް ސިފަކުރައްވައި، އެމަނިކުފާނުގެ ވެރިކަން "ބޭލުނު ގޮތަކަށް ބޭލުން މަޖުބޫރު" ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން، ސަރުކާރަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އެ ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން 15 ދުވަހަށް އަދި ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މިއަދު ހުކުމްކޮށްފައެވެ.

އަމްރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރައީސް މުއިއްޒުއާ ސުވާލެއް ކޮށްލުމުން ނޫސްވެރިޔާ 15 ދުވަހަށް ޖަލަށްލައި، އެ ޚަބަރު ލިޔުމުން އަނެއް ނޫސްވެރިޔާ 10 ދުވަހަށް ޖަލަށްލާފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ޚުދުމުޚުތާރު އަދި އަނިޔާވެރި ވެރިކަމެއް ގާއިމްވެފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"‏މުއިއްޒު މި ރާއްޖޭގަ ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމެއް ޤާއިމްކޮށްފި. ބޭލުނުގޮތަކަށް ބޭލުން މަޖުބޫރު." އަމްރު ވިދާޅުވިއެވެ.



މި ދެ ނޫސްވެރިންނަށް އަދަބު ދީފައިވަނީ، "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރާ ޚިލާފުވި ކަމަށް ކަނޑައެޅުމަށްފަހުއެވެ. މި މައްސަލައާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫއަރާ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު