ސަރުކާރުގެ އިގްތިޞާދީ ސިޔާސަތު ތަންފީޒުކޮށް ނިމޭއިރު ތަކެތީގެ އަގު އަތްފޯރާ ފަށަށް ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީހުގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކުރައްވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިޤައުމުގެ ސަރުކާރު ހިންގިއިރު ޤައުމުގެ އިގުތިސާދު އޮތީ ވަރަށްބޮޑު އަނދަވަޅަކަށް ވައްޓާލާފައިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވެރިކަމާ ޙަވާލުވުމަށްފަހު މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކޮށްފައިވާކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑެތި ދަރަނިތައް، މިއަދު މިގެންދަނީ ދައްކާ ޚަލާސްކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ދޮޅު މަހެއްހާ ދުވަހުގެތެރޭގައި އެކަނިވެސް ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެތެރެއިން އެންމެބޮޑު އެއް ދަރައްޏަކީ ސުކޫކު ކަމަށާއި ސުކޫކުގެ ދަރަނި އަދާކުރުމަށް 524 މިލިއަން ޑޮލަރު ދެއްކިއިރު ޤައުމުގެ ހަރުމުދާތައްވެސް ރަހުނުކޮށްފައިހުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަރަނި ދައްކައި، އެތަންތަން ރަހުނުން ސަލާމަތްކޮށް، ރައްޔިތުންގެ އަތްމައްޗަށް އެތަންތަން އަނބުރާ ގެނެސްދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ! މިކުރެވޭ އިގުތިސާދީ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުންނަށް އަތްފޯރާފަށަށް، ރައްޔިތުންގެ މުދާ، ރައްޔިތުން ގަންނަން ބޭނުންވާ ތަކެތި ލިބޭނެގޮތް އިތުރަށް ފުޅާވެގެންދިއުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވޚ ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ ސަބަބުން ހަޤީޤަތް ބަދަލެއް ނުވާނެ ކަމަށާއި އެއީ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ހަޤީޤަތެއް ކަމަށެެވެ. އަދި އެއްވެސް ޙާލެއްގައި ކުރާކަމެއްގެ ހަޤީޤަތް ބަޔަކު ދައްކާ ވާހަކައެއްގެ ސަބަބުން ބަދަލު ނުވާނެ ކަމަށާއި މިދިޔަ ސާޅީހަކަށް ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ދެއްކުމުގެ ބުރަ މަސައްކަތް ސަރުކާރުން ކުރައްވާފައިވަނީ ޤައުމުގެ މުސްތަގުބަލަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހަޤީޤަތް ބަދަލު ނުކުރެވޭނެކަަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު