ޑައިވް ކުރަނީ، ފޮޓޯ: ގޫގުލް
ޑައިވް ކުރަނީ، ފޮޓޯ: ގޫގުލް
ވ. އަތޮޅު ކަނޑުގެ އަޑީގެ ހޮހޮޅައަކަށް ޑައިވް ކުރަން ގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމަށްޓަކައި، އިޓަލީ ސަރުކާރުގެ ފަންނީ ދެ މާހިރަކު ރާއްޖެ ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް މީހަކު ޑައިވަށް ދިޔައެވެ. ނަމަވެސް މިހާތަނަށް ފެނިފައިވަނީ އެ ގްރޫޕާ އެކު ދިޔަ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހުއްޓުމެއް ނެތި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، މި މަސައްކަތުގައި އެހީތެރިވުމަށް އިޓަލީގެ މާހިރުންގެ ޓީމެއް ފޮނުވުމުގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ވަނީ ފައިނަލް ކުރެވިފައެވެ.

މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ، މިއަދު ހެނދުނު 10:30 އިން ފެށިގެން ސިފައިންގެ ޑައިވަރުން އަލުން މަސައްކަތް ފަށާފައިވާ ކަމަށެވެ. މިއަދުގެ އޮޕަރޭޝަން ބިނާކޮށްފައިވަނީ އިއްޔެގެ ޑައިވްތަކުން ލިބުނު މައުލޫމާތާއި ކުރިއެރުންތަކުގެ މައްޗަށެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، ޑައިވަރުން ގެއްލިފައިވާ ކަމަށް ބެލެވެނީ ކަނޑުގެ ފުން ސަރަހައްދެއްގައި އޮތް ބޮޑު ހޮހޮޅައެއްގެ (ކޭވް) ތެރޭގައެވެ. މި ހޮހޮޅައިގެ އަނގަމަތި ހުންނަނީ ކަނޑުގެ 45 އާއި 50 މީޓަރާ ދެމެދުގެ ފުންމިނެއްގައެވެ. މިއީ ގާތްގަނޑަކަށް 200 މީޓަރުގެ ދިގު ހޮހޮޅައެއް ކަމަށާއި، ބައެއް ދިމާދިމާލުން ދެކަފިވެފައިވާ އިރު، އެތެރޭގެ ފުޅާމިނުގައި ހުންނަނީ އެންމެ ދެ މީޓަރާއި ހަތަރު މީޓަރާ ދެމެދުގެ ހަނި ސަރަހައްދެކެވެ. ނަމަވެސް ހޮހޮޅައިގެ އެންމެ އެތެރެ ބޮޑު ސަރަހައްދުގައި 70 މީޓަރުގެ ފުޅާމިން ހުރެއެވެ.

މި މަސައްކަތުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މުންދު ވިދާޅުވީ، ހޮހޮޅައިގެ އެތެރޭގައި އެއްވެސް ވަރަކަށް އަލިކަމެއް ނެތުމުންނާއި ތަނުގެ ހަނިކަމުން މަސައްކަތް ކުރަން ޖެހެނީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށެވެ. އެގޮތުން ބައެއް ޑައިވަރުން ހޮހޮޅައިގެ ދޮރުމަތީގައި މަޑުކޮށްގެން ތިބޭއިރު، އަނެއް ބަޔަކު އެތެރެއަށް ވަދެ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޓަލީ ސަރުކާރުން ފޮނުވާ ދެ ތަޖުރިބާކާރުން ރާއްޖެ އައުމުން، މިހާރު ކުރިއަށްދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް އިތުރު ފަންނީ އެހީތެރިކަމެއް ލިބި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު