ބިންވެރިޔާ ސްކީމް އިފްތިތާހް ކުރުން
ބިންވެރިޔާ ސްކީމް އިފްތިތާހް ކުރުން
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މާލޭ ސަރަހައްދުން ގޯތި ދޫކުރުމަށް ހިންގި 'ބިންވެރިޔާ' މަޝްރޫއަކީ އޭގެ އަސާސީ މަގުސަދުތައް ހާސިލުވި މަޝްރޫއެއް ނޫން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި ޕާފޯމަންސް އޮޑިޓުން ދައްކައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެށި މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ އަސްލު މަގުސަދުތަކާ ހިލާފަށް ކަމަށެވެ. މާލޭ ސަރަހައްދުން އަގުބޮޑު ބިންތަކެއް ހިލޭ ދޫކުރި މި މަޝްރޫއުގައި އިންސާފުވެރިކަން ކުޑަ ކަމަށް ބުނެ އޭރުވެސް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، މި މަޝްރޫއުގެ ދަށުން ބިން ދޫކުރުމުގައި އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް އިސްކަންދީފައި ނެތް ކަމަށެވެ. އަދި ކުރިމަތިލީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އެކަށީގެންވާ ވަރަށް ބަލާފައި ނުވާއިރު، މާކެޓްގެ ޓްރެންޑްތަކާއި ބޯހިޔާވަހިކަމުގެ ޑިމާންޑާ ގުޅޭގޮތުން އެކަށީގެންވާ ދިރާސާއެއް ކުރީގެ ސަރުކާރުން ހަދާފައިނުވާކަން ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތަކަށް ބަލާފައިވަނީ މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހަކަށްވުމާއި، 18 އަހަރު ފުރުމާއި، އަމިއްލަ ނަމުގައި ބިމެއް ރަޖިސްޓްރީވެފައި ނެތުމެވެ. ނަމަވެސް އޮޑިޓް އޮފީހުން ބުނީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މައިގަނޑު އަސާސަކީ އަމިއްލަ ގޮތުން ބޯހިޔާވަހިކަން ހޯދުމުގެ މާލީ ގާބިލުކަން ނެތް މީހުންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އަދި މާލޭގައި ދިރިއުޅޭ، ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ އެތައް އާއިލާއަކަށް މި ފުރުސަތު ގެއްލިގެންދިޔައީ، މީހުންގެ ބޭނުންޖެހިފައިވާ މިންވަރަށް ނުބަލައި، ހަމައެކަނި މާލޭގެ ރަޖިސްޓްރީގައި އޮތުމުން އަގުބޮޑު ބިންތައް ދޫކުރުމުން ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހިލޭ ބިން ދޫކުރުމުގެ ސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާގެ މާލީ ގެއްލުމެއް ވާނެ ކަމަށް މާލީ ހިސާބުތަކުން ދައްކާކަމަށް ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ބިންވެރިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ހިންގާފައިވާ މަޝްރޫއެއް ނޫން ކަމަށް އޮޑިޓް އޮފީހުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު