ފިލްމު "ޕެއްޑީ"ގެ ޕޯސްޓަރެއް
ފިލްމު "ޕެއްޑީ"ގެ ޕޯސްޓަރެއް
އިންޑިއާގެ މަޝްހޫރު އެކްޓަރު ރާމް ޗަރަން ގެ ކުރިއަށް އޮތް ފިލްމު "ޕެއްޑީ" ގެ ޓްރެއިލާ ލޯންޗުކުރުމުގެ ހަފުލާގައި ވާހަކަދައްކަމުން ރާމް ޗަރަން ބުނީ، "ޕެއްޑީ" އަކީ އޭނާގެ މުޅި ހަޔާތުގައިވެސް މިހާތަނަށް މަސައްކަތްކުރި އެންމެ ހިތްވަރުލިބޭ އަދި ތަފާތު ފިލްމު ކަމަށެވެ.

އަދި މިފަދަ ތަފާތު ސިނަމެޓިކް ތަޖުރިބާއެއްގެ ބަޔަކަށް ވުމަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ރާމް ޗަރަން އިތުރަށް ހާމަކުރި ގޮތުގައި، އޭނާގެ ބައްޕަ އަދި މެގަސްޓާރު ޗިރަންޖީވީ މި ފިލްމުގެ ބައެއް ބެލުމަށްފަހު ވަރަށް މުހިންމު ނަސޭހަތެއް ދީފައިވެއެވެ. ޗިރަންޖީވީ ބުނެފައިވަނީ މިފަދަ ބޮޑު އަދި ނުފޫޒުގަދަ ފިލްމެއް އެކްޓަރަކަށް ލިބެނީ ވަރަށް މަދުން ކަމަށާއި، ބައެއް ފަހަރު މިފަދަ ފުރުސަތެއް ލިބުމަށް 10 ވަރަކަށް އަހަރު ނަގާފާނެ ކަމަށެވެ.

"ބައްޕަ ބުނި މިފަދަ ފިލްމެއް ލިބުމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫނޭ. ކޮންމެ އަހަރަކު 'މަގަދީރާ' ނުވަތަ 'އާރު.އާރު.އާރު' ފަދަ ފިލްމުތަކެއް ނުލިބޭނެ. އެހެންކަމުން މި ފިލްމުގެ ކޮންމެ ވަގުތެއްގެ އުފާ ފުރިހަމައަށް ހޯދުމަށް ބައްޕަ ނަސޭހަތްތެރިވި،" ރާމް ޗަރަން ބުންޏެވެ.

އޭނާގެ ކުރީގެ ފިލްމުތަކަށް އަލިއަޅުވާލަމުން ރާމް ޗަރަން ފާހަގަކުރި ގޮތުގައި، އޭނާގެ ކެރިއަރުގެ ކާމިޔާބު ފިލްމުތައް ކަމަށްވާ 'މަގަދީރާ' (2009)، 'ރަންގަސްތަލަމް' (2018) އަދި 'އާރު.އާރު.އާރު' (2022) އައީ ވަރަށް ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ފަހުގައެވެ. ނަމަވެސް 'ޕެއްޑީ' އަކީ އޭނާ އުއްމީދު ކުރި ވަރަށް ވުރެ އަވަހަށް ލިބުނު ފުރުސަތެއް ކަމަށާއި، މި ފިލްމަކީ އޭނާގެ ހަޔާތުގެ ލައިބްރަރީގައި އަބަދަށް ރައްކާކުރަން ބޭނުންވާ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.



ބުޗީ ބާބޫ ސަނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އާންދްރަ ޕްރަދޭޝްގެ ވިޖަޔަނަގަރަމް އަށް ނިސްބަތްވާ ކުޅިވަރު ކުޅުންތެރިއެއްގެ ވާހަކައެވެ. ތިން މިނެޓުގެ މި ޓްރެއިލާގައި ފެންނަނީ އެކްޝަނާއި، އޮތްމެ އިމޯޝަންތަކެވެ. މި ފިލްމުގައި ރާމް ޗަރަން ފެނިގެންދާނީ ކްރިކެޓް ކުޅުންތެރިއެއްގެ އިތުރުން ރެސްލަރެއް އަދި ދުވުންތެރިއެއްގެ ގޮތުގައެވެ.

މި ފިލްމުގައި ރާމް ޗަރަންއާ އެކު ބަތަލާގެ ރޯލުން ޖާންވީ ކަޕޫރު ފެނިގެންދާއިރު، އިތުރު މުހިންމު ރޯލުތަކުން ޝިވާ ރާޖްކުމާރު، ދިވްޔެންދޫ އަދި ޖަގަޕަތީ ބާބޫ ފެނިގެންދާނެއެވެ. މައިތުރީ މޫވީ މޭކާސް އާއި ވްރިއްދީ ސިނަމާސް ގުޅިގެން އުފައްދާފައިވާ މި ފިލްމު ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 4 ގައެވެ.



ކިޔުންތެރިންގެ ހިޔާލު