ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު)
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު)
ރާއްޖެއިން އިނގިރޭސިވިލާތަށް (ޔޫކޭ) އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ކަނޑާލުމާ ގުޅިގެން، އެ ގައުމުގެ މަސްވެރިކަމުގެ މާކެޓުގައި ރާއްޖެއަށް ބޮޑު ހިއްސާއެއް ލިބި، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޗީފް ގަވަރުމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޔޫކޭއަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަށް ރާއްޖޭގެ އެކި ސަރުކާރުތަކުން މަސައްކަތް ކުރާތާ 12 ވަރަކަށް އަހަރު ވެފައިވަނިކޮށް، އިނގިރޭސި ސަރުކާރުން މި ފިޔަވަޅު އެޅިކަން އިއުލާނު ކުރީ އިއްޔެއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މުންދު ރޭ ވިދާޅުވީ، ޔޫކޭގެ ސަސްޓޭނަބަލް ޕޯލްލައިން ފިޝަރީޒް މާކެޓުގައި ރާއްޖެ މިހާރު އޮތީ ނުވަ ވަނައިގައި ކަމަށެވެ. އަދި ރާއްޖޭގައި މި މަސައްކަތަށް ބަރޯސާވާ 17،000 އަށްވުރެ ގިނަ އާއިލާ ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް މި ލިބުނީ. އެކްސްޕޯޓް ރެވެނިއު އިތުރުވެގެންދާނެ. އިމްޕޯޓް އެކްސްޕޯޓުގައި އޮންނަ އިންބެލެންސް ކުޑަވެގެންދާނެ. މަސްވެރިކަމުގެ ސިނާއަތަށް ފައިދާތަކެއް ވާނެ،" މުންދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މާކެޓުތައް ހުޅުވި، މަހަށް ހަމަ އަގު ލިބި، އުޖޫރަ ބަރާބަރަށް ލިބޭނަމަ މަސްވެރިކަން އިހުތިޔާރުކުރާ ޒުވާނުން ރާއްޖޭގައި ގިނަވާނެކަން ޔަގީން ކަމަށެވެ.

މުންދު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންނާއި ދައުލަތުގެ ކުންފުނިތަކުގެ ހުނަރުވެރިކަމާއެކު ޔޫކޭއަށް ކުރާ އެކްސްޕޯޓް ވަރަށް އަވަހަށް އިތުރުވެގެންދާނެ ކަމަށެވެ. ހާއްސަކޮށް ޔޫކޭ މާކެޓުގައި ޕައުޗް ޓޫނާ އަދި ކޭންޑް ޓޫނާއަށް އޮތް ބޮޑު ޑިމާންޑުގެ ފައިދާ ރާއްޖެއަށް ކުރާނެއެވެ.

މި ނިންމުމުގެ ސަބަބުން ސީދާ ފައިދާ ކުރާނީ އެކްސްޕޯޓަރުންނަށާއި، އޮޑިވެރިންނަށާއި، މަސްވެރި އާއިލާތަކަށް ކަމަށް ސަރުކާރުން ބުނެއެވެ. ޔޫކޭއަކީ އެ ގައުމަށް އެތެރެކުރާ މަހުގެ އުފެއްދުންތަކުގެ 40 އިންސައްތައަކީ ދެމެހެއްޓެނިވި ގޮތެއްގައި ބާނާފައިވާ ތަކެތި ކަމަށް ބަލާ ގައުމަކަށްވާއިރު، ރާއްޖޭގެ ގަދީމީ އަދި ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތަކަށް އެ މާކެޓުގައި "ގޯލްޑް ސްޓޭންޑަޑް" އެއް ލިބިފައިވާކަން މުންދު ފާހަގަކުރެއްވިއެވެ.

"ދުނިޔޭގައި މިހާރު ސްޓޭންޑަޑްތައް މި ބަލަނީ ރާއްޖޭގެ ފްރެޝްނަސް އާއި ދެމެހެއްޓެނިވި އާދަތަކަށް. އަޅުގަނޑުމެންގެ މަސްދަޅެއް ފެނުނީމަ، ލޯހުޅުވިފައި ތިބި ބަޔަކު އެ ބަލައިގަނޭ،" އޭނާ ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވާތީ، މަސްވެރިކަން އިތުރަށް ހަރުދަނާވެ، ކުރިއަރާނެ ކަމުގެ އުއްމީދީ ސިގްނަލްތައް ލިބެން ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު