ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރެއަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް މަރުވި އިޓަލީގެ ފަސް މީހުންގެ ތެރެއިން ދެ މީހަކު މަރުވީ އޮކްސިޖަން ހުސްވުމުގެ ސަބަބުން ގެނބިގެން ކަމަށް އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ތެރެއިން އޮޓޮޕްސީގެ ވަގުތީ ނަތީޖާ މިހާތަނަށް ލިބިފައިވަނީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް (20އ) ގެއެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ކަނޑައެޅި ފޮރެންސިކް ޑޮކްޓަރު ހެދި މި އޮޓޮޕްސީން އެނގޭ ގޮތުގައި، އެ ދެމައިން މަރުވީ އޮކްސިޖަން ފުޅިން ވައި ހުސްވެ، ނޭވާލާނެ އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަނޑުއަޑިއަށް ގެނބިގެންނެވެ.

މި މައްސަލަ ރޯމްގެ އިދާރާތަކުން މިހާރު ތަހުގީގު ކުރަމުންދަނީ އިހުމާލުގެ މަރެއްގެ ގޮތުގައެވެ. މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ވަނީ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ރާއްޖޭގެ އިދާރާތަކުން އެއްކުރި ލިޔެކިޔުންތަކާއި، ޑައިވަރުން ބޭނުންކުރި ޓެކްނިކަލް އާލާތްތަކުގެ އިތުރުން ހޮހޮޅައިގެ ތެރެއިން ފެނުނު ގޯޕްރޯ ކެމެރާގެ ފުޓޭޖުތައް ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.

މި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ހާދިސާ ހިނގި ދުވަހު ފެނުނު ނަމަވެސް، އަނެއް ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ފިންލޭންޑްގެ ތަޖުރިބާކާރު ޓީމެއްގެ އެހީތެރިކަމާއެކު ކުރި މަސައްކަތުން މިދިޔަ ހަފްތާގައެވެ. އެ ހަތަރު މީހުންގެ ހަށިގަނޑު މިދިޔަ ހޮނިހިރު ދުވަހު އިޓަލީއަށް ފޮނުވާލާފައިވާއިރު، މިހާރު ވަނީ ހަށިގަނޑުތައް އާއިލާއާ ހަވާލުކުރުމުގެ ހުއްދަ ދީފައެވެ.

އިޓަލީގެ މީޑިއާތަކުން ބުނާ ގޮތުގައި، އޮޓޮޕްސީގެ ފައިނަލް ރިޕޯޓާއި މި ހާދިސާގެ ފުރިހަމަ ތަފްސީލުތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު