އިސްލާމިކް މިނިސްޓަރު
އިސްލާމިކް މިނިސްޓަރު
އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް ﷲ ތަޢާލާ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ. އަދި މިއީ ބަރަކާތްތެރި ޙައްޖުގެ އަޅުކަމާ ގުޅިފައިވާ މަތިވެރި މުނާސަބަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން މުޅިން ނުނިމެނީސް، މަޝާޢިރުތަކުގައި ޙައްޖުވެރިން ތަލްބިޔާ ކިޔައި ﷲ އެއްކައުވަންތަކޮށް، އެކަލާނގެ ޝިޢާރުތައް މަތިވެރިކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަރުޟު ފަސް ނަމާދުގެ ފަހުގައި ތަކުބީރުގެ މަތިވެރި އަޑު އިވެމުންދާ މި ދަނޑިވަޅުގައި، މުސްލިމުންގެ އުޅުން ބަހައްޓަންވާނީ އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތީގައިކަން ހަނދާންކޮށްދެއްވިއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ކުޅިވަރުތައް ކުޅުމާއި އެކި ހަރަކާތްތައް ހިންގާއިރު، އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓަންޖެހޭނެ ކަމަށެވެ. އަދި ކޮންމެ މުސްލިމަކުވެސް އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވުމަކީ މުހިންމު ކަމެއްކަމަށް ވަޒީރުގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ މިއަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްދާއިރު، އޭގެ ތެރޭގައި ނެށުމާއި ދެ ޖިންސުގެ މީހުން އެއްވެ އުޅޭ ފަދަ ޝޯތަކާއި މާލި ޕެރޭޑުތައް ބާއްވަމުން ގެންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު