ބޫމީ ޕަޑްނޭކަރު
ބޫމީ ޕަޑްނޭކަރު
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބޫމީ ޕަޑްނޭކަރު، ކުރިމަގުގައި ސިޔާސީ ދާއިރާއާ ގުޅުމުގެ ފުރުސަތު އޮތްކަމަށް ބުނެ، އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ގައުމަށް ޚިދުމަތް ކުރުމަކީ އަބަދުވެސް އޭނާ އިސްކަންދޭ ކަމެއްކަން ހާމަކުރަމުން، ބޫމީ ވަނީ ފުރުސަތު ލިބިއްޖެ ނަމަ ސިޔާސީ މައިދާނަށް ނުކުތުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެފައެވެ.

މަހާރަޝްތުރާގެ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން އެންޑީޓީވީއިން އިންތިޒާމުކުރި ހަފުލާއެއްގައި ވާހަކަދައްކަމުން ބޫމީ ބުނީ، ގައުމަށް ޚިދުމަތް ކުރުމަކީ އޭނާގެ ލޭގައި ހިނގާ ކަމެއް ކަމަށެވެ. ބޫމީގެ ބައްޕަ ސަތީޝް ޕެޑްނޭކަރަކީ މަހާރަޝްތުރާގެ ކުރީގެ ހޯމް އެންޑް ލޭބަރ މިނިސްޓަރެވެ.

ސިޔާސީ ދާއިރާއަށް ވަނުމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެމުން ބޫމީ ބުނީ، ކޮންމެ ސިފައެއްގައި ނަމަވެސް ގައުމަށް ޚިދުމަތް ކުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ކަމަށާއި، މިހާރު އެ މަސައްކަތް ކުރަނީ ފިލްމީ ދާއިރާގެ ތެރެއިން ކަމަށެވެ. ނަމަވެސް، ކުރިމަގުގައި މިއަށްވުރެ ފުންކޮށް ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތެއް ލިބިއްޖެ ނަމަ، އެކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ.

ބޫމީ އިތުރަށް ބުނި ގޮތުގައި އޭނާގެ ފަލްސަފާ އަކީ ކޮންމެ ގޮތަކުން ނަމަވެސް ގައުމަށް ޚިދުމަތް ކުރުމެވެ. ފިލްމުތަކުގެ އިތުރުން އޮފް-ސްކްރީންގައި އޭނާ ކުރާ މަސައްކަތްތަކަކީވެސް އެ މަގުސަދުގައި ކުރާ ކަންތައްތަކެއް ކަމަށް އޭނާ ބުންޏެވެ. މި ވަގުތު އޭނާ އެންމެ ބޮޑަށް ސަމާލުކަން ދެނީ ފިލްމީ ކެރިއަރަށް ނަމަވެސް، ސިޔާސީ ދާއިރާއާ ގުޅުމުގެ ފުރުސަތު އޭނާ މުޅިއަކުން ދޫކޮށެއް ނުލައެވެ.

މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ބޫމީ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މިއަހަރު ޖެނުއަރީ މަހު ޕްރައިމް ވީޑިއޯއިން ދެއްކި ކްރައިމް ތުރިލާ ސީރީޒް "ދަލްދަލް" އިންނެވެ. މީގެ އިތުރުން، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ވަކީލެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. "ކޯޓްރޫމް ޑްރާމާ" އެއްގެ ގޮތުގައި ތައްޔާރުކުރާ މި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ހިމާޗަލް ޕްރަދޭޝްގައެވެ. މީގެ ކުރިން 2019 ވަނަ އަހަރު ނެރުނު ފިލްމު "ބާލާ" ގައިވެސް ބޫމީ ވަނީ ވަކީލެއްގެ ރޯލު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު