ޖާންވީ ކަޕޫރު
ޖާންވީ ކަޕޫރު
ތެލުގޫ ފިލްމީ ދާއިރާ ނުވަތަ ޓޮލީވުޑްގެ މަސައްކަތުގެ މާހައުލުގައި ވަގުތަށް ދޭ އަހައްމިއްޔަތާއި، މީހުންގެ ވަގުތަށް ކުރާ އިހުތިރާމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރު ވަރަށް ބޮޑަށް ސަނާ ކިޔައިފިއެވެ.

ޖާންވީ މިހެން ބުނެފައިވަނީ އޭނާގެ ކުރިއަށް އޮތް ތެލުގޫ ފިލްމު "ޕެޑީ" ގެ ބަތަލު ރާމް ޗަރަންއާ އެކު ދިން ހާއްސަ އިންޓަވިއުއެއްގައެވެ.

ޒޫމް އަށް ދިން މި އިންޓަވިއުގައި ޖާންވީ ފާހަގަކުރި ގޮތުގައި، ހިންދީ ފިލްމީ ދާއިރާއާއި ދެކުނު އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްކުރާ ގޮތުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން ތެލުގޫ ސިނަމާގައި ފިލްމު އުފެއްދުމުގެ ފަންނީ މަރުހަލާއަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި، ހަމައެކަނި ވަގުތު ހަމަކުރުމުގެ ބަދަލުގައި އުފެއްދުންތެރިކަމަށާއި މަސައްކަތުގެ ފޯރިއަށް ބޮޑު ސަމާލުކަމެއް ދޭކަން އޭނާ ފާހަގަކުރިއެވެ.

ޖާންވީ ބުނި ގޮތުގައި ބޮލީވުޑްގައި ބޮޑަށް ބަލަނީ ތާވަލުތަކަށާއި ތަފާސްހިސާބުތަކަށެވެ. މީގެ ސަބަބުން މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްދިޔަ ނަމަވެސް، ބައެއް ފަހަރު އުފެއްދުންތެރިކަމުގެ މިނިވަންކަމަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް އޭނާ ގަބޫލުކުރެއެވެ.

މީގެ އިތުރުން، ތެލުގޫ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެކްޓަރުންނާއި، ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑިތަކަށް ކުރާ އިހުތިރާމަށް ޖާންވީ ވަނީ ތައުރީފުކޮށްފައެވެ. "އަހަރެން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ތެލުގޫ ދާއިރާގައި އެންމެންގެ ވަގުތަށް ކުރާ އިހުތިރާމަކީ. މެންދުރުގެ ކެއުމަށް ލިބޭ 40 މިނެޓަށްފަހު، 20 މިނެޓުގެ ކުޑަ އަރާމުކޮޅެއް (ނެޕް) ނަގައިގެން އާ ހަކަތައަކާއެކު މަސައްކަތަށް އެނބުރި އައުމުގެ ފުރުސަތު އެންމެނަށް ލިބޭ،" ޖާންވީ ބުންޏެވެ.

މުމްބާއީގައި މަސައްކަތްކުރާއިރު އާންމުކޮށް 12 ގަޑިއިރު ހޭދަވާ ނަމަވެސް، ތެލުގޫ ފިލްމުތަކުގެ ސެޓުގައި މަސައްކަތް ކުރަނީ 9 ނުވަތަ 10 ގަޑިއިރު ކަމަށް އޭނާ ބުންޏެވެ. އަދި ރޭގަނޑުގެ ޝޫޓިންގތައް ވެސް ދަމިރު ފަތިހު 2 ޖަހާއިރު ނިންމާލުމަށް ސަމާލުކަންދޭ ކަމަށާއި، މީގެ ސަބަބުން މުޅި ޓީމަށް އެކަށީގެންވާ އަރާމު ލިބޭކަން ޖާންވީ ފާހަގަކުރިއެވެ.

މި ވާހަކައިގައި ބައިވެރިވަމުން ރާމް ޗަރަން ބުނީ، ބޮލީވުޑުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފިލްމުތައް ނިންމާލާތީ އެކަމަށް އޭނާ ތައުރީފުކުރާ ކަމަށެވެ. އެގޮތުން "ޕެޑީ" ފިލްމުގެ މަސައްކަތަށް ދެ އަހަރު ދުވަހުގެ ތެރޭގައި 285 ދުވަސް ހޭދަވިކަން އޭނާ ހާމަކުރިއެވެ. ނަމަވެސް ބޮލީވުޑްގެ ބައެއް ފިލްމުތައް 30 ނުވަތަ 40 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާކަން ޖާންވީ ފާހަގަކުރިއެވެ. ރާމް ޗަރަން އިތުރަށް ބުނި ގޮތުގައި އޭނާ ވެސް ބޭނުންވަނީ 70 ދުވަހަށްވުރެ ކުރު މުއްދަތެއްގައި ފިލްމުތަކުގެ މަސައްކަތް ނިންމާލެވޭނެ އުސޫލެއް ގާއިމުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު