ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ފިލްމު 'ދުރަންދަރު' ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ނުހޯދި ނަމަ، ފަރުހާން އަޚްތަރުގެ 'ޑޮން 3' އިން އޭނާ ވަކިނުވީސް ކަމަށް އިއުތިރާފުވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ 'ޑޮން 3' އިން ރަންވީރު ކުއްލި ގޮތަކަށް ވަކިވުމާ ގުޅިގެން އުފެދުނު މައްސަލަތައް ހައްލުކުރުމަށް ބޭއްވި ސިއްރު މަޝްވަރާ ބައްދަލުވުމެއްގައެވެ.

ވެރައިޓީ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކްސެލް އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ އާއި ރަންވީރު ސިންގާ ދެމެދު ބޭއްވުނު މި ބައްދަލުވުމުގައި، 'ދުރަންދަރު' ބްލޮކްބަސްޓަރަކަށް ނުވި ނަމަވެސް ފިލްމު ދޫކޮށްލާނަންތޯ ސިދްވާނީ ސުވާލުކުރިއެވެ. މި ސުވާލަށް ޖަވާބު ދެމުން ރަންވީރު ވަނީ އެފަދަ ހާލަތެއްގައި ފިލްމުން ވަކިނުވީސް ކަމަށް ބުނެފައެވެ. ރަންވީރު 'ޑޮން 3' އިން ވަކިވީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ފިލްމުގެ ޝޫޓިން ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

މި މައްސަލަ ހައްލުކުރުމަށް ބޭއްވި މަޝްވަރާތަކުގައި ބޮލީވުޑްގެ ނުފޫޒުގަދަ ތަރިން ކަމަށްވާ ސަލްމާން ޚާން، ރިތިކް ރޯޝަން، ކަރަން ޖޯހަރް އަދި އާލިއާ ބަަޓް ވެސް ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި އެކްސެލް އެންޓަޓެއިންމަންޓުން ވަނީ ރަންވީރާ އެކު ކުރިން ކުރެވުނު ވައިޓްސްއެޕް މުއާމަލާތްތަކުގެ ރެކޯޑްތައް ދައްކައި، ފިލްމުގެ ސްކްރިޕްޓަށް ރަންވީރު ކުރިން ވަރަށް ބޮޑަށް ތާއީދުކޮށްފައިވާކަން ހާމަކޮށްފައެވެ.

ފިލްމުގެ ފީ ކުޑަކުރި ކަމަށް ބުނެ ރަންވީރު ދެއްކި ވާހަކަތަކަށް ވެސް ޕްރޮޑިއުސަރުން ވަނީ ރައްދު ދީފައެވެ. އެ ފަރާތުން ބުނާ ގޮތުގައި ފީއާ ގޮތުން ވާހަކަދެކެވުނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައެވެ. އަދި ބަޖެޓާ ގުޅޭ ގޮތުން ރަންވީރު ހުރި ކަންބޮޑުވުންތަކަށް ވެސް ލިޔެކިޔުންތަކުން ޖަވާބު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފެޑަރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީޒް އިން ރަންވީރާ ދެކޮޅަށް ނެރުނު ނޮން-ކޯޕަރޭޝަން އަމުރު މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. މިއާއެކު، ފިލްމީ ދާއިރާގެ މަސައްކަތްތެރިންނަށް އަލުން ރަންވީރުގެ ފިލްމީ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.



ކިޔުންތެރިންގެ ހިޔާލު