ބެންކޮކް އެއާވޭއިސްގެ ފްލައިޓެއް
ބެންކޮކް އެއާވޭއިސްގެ ފްލައިޓެއް
މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ތައިލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުން އަންނަ ބެންކޮކް އެއާވޭސްގެ ފްލައިޓްތައް މެދުކަނޑާލުމާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ އިނަރ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ފިރާގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަން ކަށަވަރުކޮށްދެއްވައި ފިރާގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބެންކޮކް އެއާވޭސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އެ އެއާލައިން މެދުވެރިކޮށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 2،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފިރާގު ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި ދެން އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރިއަށް ނުގެންދާނެކަން މިހާރު ވަނީ އެނގިފައެވެ. ނަމަވެސް، އުންމީދަކީ އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް އަލުން ދަތުރުތައް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު އުނިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ފިރާގު ވިދާޅުވީ، މި ހާލަތު ބަދަލުކުރުމަށްޓަކައި ހަރުދަނާ ޕްރޮމޯޝަންތަކެއް ހިންގުމުގެ މުހިންމުކަން ބޮޑު ކަމަށެވެ.

"މިސާލަކަށް ޚަރަދު ކަވާ ނުވާ ކަހަލަ ދުވަސްތަކަށް ޑިސްކައުންޓް ސްކީމެއްގެ ތެރެއިން ޕްލޭން ކުރެވިގެން ދޭ ކަމަށްވަންޏާ ސަސްޓެއިން ކުރެވިދާނެ. އެކަމަކު މި ގެއްލެނީ ވަރަށް ބޮޑު އެއްޗެއް،" ދަތުރުތައް ހުއްޓާލުމުން ކުރާނެ ނޭދެވޭ އަސަރަށް އިޝާރާތް ކުރައްވައި ފިރާގު ވިދާޅުވިއެވެ.

ތައިލެންޑަކީ ދިވެހިންގެ މެދުގައި ވިޔަފާރިއަށާއި، ބޭސްފަރުވާއަށް އަދި ޗުއްޓީ ހޭދަކުރުމަށް ވަރަށް ބޮޑު މަގުބޫލުކަމެއް އޮންނަ ގައުމަކަށް ވުމާއެކު، ބެންކޮކް އެއާވޭސްގެ ސީދާ ދަތުރުތައް މެދުކަނޑާލުމަކީ ދިވެހި ދަތުރުވެރިންނަށްވެސް އޭގެ ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު