މަޝްހޫރު އެކްޓްރެސް ސާއި ޕައްލަވީ، ތަމަޅަ ސުޕަރސްޓާރ ދަނޫޝްގެ ކުރިއަށް އޮތް ފިލްމު "ޑީ55" ގައި ފުލުހެއްގެ ރޯލުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިއީ ސާއި ޕައްލަވީ ފުލުހެއްގެ ޔުނީފޯމުގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރެވެ.

މ ފިލްމަކީ ދާދިފަހުން ނުކުތް ކާމިޔާބު ފިލްމު "އަމަރަން" ގެ ޑައިރެކްޓަރު ރާޖްކުމާރު ޕެރިއަސާމީ ޑައިރެކްޓްކުރާ އެކްޝަން ތުރިލާއެކެވެ. "123 ޓެލުގޫ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސާއި ޕައްލަވީ މި ފިލްމުގައި ކުޅޭނީ ވަރަށް ވަރުގަދަ ފުލުހެއްގެ ރޯލެވެ. މީގެ އިތުރުން، މަލަޔާޅަމް ސިނަމާގެ ލެޖެންޑް މަމޫޓީ ވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ދަނޫޝް ވަނީ އޭނާގެ 55 ވަނަ ފިލްމު "ޑީ55" ރަސްމީކޮށް އިޢުލާނުކޮށްފައެވެ. ދަނޫޝްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ވުންޑަރބާ ފިލްމްސް" އިން ވަނީ ސޯޝަލް މީޑިއާގައި މި ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ހާމަކޮށް، ފިލްމުގެ ޓީމާއެކު ދަނޫޝް ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ. މި ޚަބަރާއެކު ދަނޫޝްގެ ފޭނުން ތިބީ ވަރަށް ބޮޑު އިންތިޒާރެއްގައެވެ.

ސާއި ޕައްލަވީގެ އެހެން މަސައްކަތްތަކަށް ބަލާއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ "ރާމާޔަން" އިންނެވެ. މި ފިލްމުގައި އޭނާ ކުޅެނީ ސީތާގެ ރޯލެވެ. ރަންބީރު ކަޕޫރު ރާމްގެ ރޯލުން ފެންނަ މި ފިލްމުގެ ފުރަތަމަ ބައި މިއަހަރުގެ ދީވާލީއާ ދިމާކޮށް ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެއެވެ. "ރާމާޔަން" އަކީ ދެ ބަޔަކަށް ބަހާލައިގެން، އިންޑިއާގެ އިހުގެ ގަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ބޮޑު ބަޖެޓް ފިލްމެކެވެ.

ނަމިތު މަލްހޯތުރާ ޕްރޮޑިއުސްކުރާ "ރާމާޔަން" ގެ ފުރަތަމަ ޓީޒާ މިހާރު ވަނީ އާންމުކޮށްފައެވެ. މި ޓީޒާގައި ރަންބީރު ކަޕޫރު ފެންނަނީ ވަރަށް ތަފާތު، މައުސޫމް އަދި ހިތްވަރުގަދަ ސިފައެއްގައެވެ. މި ފިލްމުގައި ޔަޝް، ސަނީ ޑިއޯލް އަދި ރަވީ ދުބޭ ފަދަ ތަރިން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ނަމަވެސް މިވަގުތު ބޮލީވުޑުގައި އެންމެ ގަދައަށް ދެކެވެނީ ދަނޫޝް އާއި ސާއި ޕައްލަވީގެ "މާރީ 2" އަށް ފަހު، އަލުން މި ދެ ތަރިން "ޑީ55" އިން އެކުގައި ފެންނާނެތީ އެކަމުގެ ވާހަކައެވެ.



ކިޔުންތެރިންގެ ހިޔާލު