މުލަކުއަތޮޅު ކައުންސިލް އިދާރާ-
މުލަކުއަތޮޅު ކައުންސިލް އިދާރާ-
އަތޮޅު ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ޑިރެކްޓާ ޖެނެރަލުން (ޑީޖީ) އިއްޔެއިން ފެށިގެން މަގާމުން ވަކިކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމުމާ ގުޅިގެން އެ އިދާރާތަކުގައި މަސައްކަތް ކުރަމުންދިޔަ ޑީޖީން ވަކިކުރަން ޖެހުނީ ގާނޫނީ ގޮތުން އެ މަގާމުތައް އުވުމުން ކަމަށެވެ. މަގާމުން ވަކިކުރި ފަރާތްތަކަށް ގަވައިދާ އެއްގޮތަށް ނޯޓިސްގެ މުއްދަތުގެ ފައިސާ އާއި "ރިޑަންޑެންސީ އިނާޔަތް" ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ހާމަކުރެއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މި އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މި ބަދަލާއެކު، ނިމިދިޔަ ދައުރުގެ ކައުންސިލަރުންގެ މުއްދަތު ހަމަވެ، އާ ކައުންސިލަރުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުވާކުރުމާއެކު އަތޮޅު ކައުންސިލްތައް ވަނީ ރަސްމީކޮށް އުވިފައެވެ. މިހާރު އެ އިދާރާތައް ހިންގަމުންދަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން ހިންގާ "އަތޮޅު އޮފީސް" ތަކުގެ ގޮތުގައެވެ.

އަތޮޅު ކައުންސިލްތައް އުވާލައި، އިދާރީ އޮނިގަނޑަށް ބަދަލު ގެނައި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުމަށް އިރުޝާދު ދެއްވާފައެވެ. ރައީސް އެދިވަޑައިގެންފައިވަނީ، މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން އެ މުވައްޒަފުން އެހެން މަގާމުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ޑިރެކްޓާ ޖެނެރަލުންނަކީ އަތޮޅު ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ މަތީ ޒިންމާ އުފުއްލަވަމުން ގެންދެވި ފަރާތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު